މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް އެ ޕާޓީގެ ފުރަތަމަ ޖަލްސާ ބޭއްވުމުގެ ހުއްދަ މިއަދު އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ދީފިއެވެ.

އީސީން ބުނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ އެމްއާރުއެމްއަށް 3000 މެންބަރުން ހަމަވުމުން އެ ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ މިއަދު އެ ޕާޓީއަށް ހަވާލިކޮށްފައިވާ ކަމަށެވެ. އެގޮތުން މި ހުއްދައާ ހަވާލުވެ ވަޑައިގަތީ އެ ޕާޓީގެ އިސް މެންބަރެއް ކަމަށްވާ އަދި ހެރިޓޭޖް މިނިސްޓަރުކަން ކުރައްވާ ޔުމްނާ މައުމޫނެވެ.

ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެމްއާރްއެމް އުފެއްދުމުގެ ހުއްދަ އީސީން ދީފި ކަމަށާއި، އަދި އެ މަސައްކަތް ކާމިޔާބު ކުރުމަށް މައްސައްކުރި ހުރިހާ ފަރާތަކަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.

އެމްއާރްއެމް އުފެއްދުމަށް މިދިޔަ ފެބްރުއަރީ މަހު އެންމެ ފުރަތަމަ އިލެކްޝަން ކޮމިޝަނުން ހުއްދަ ދޫކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަނަށެވެ. ނަމަވެސް އެމްއާރްއެމް އުފެއްދުމަށް އާ ހުއްދައެއް މިދިޔަ މޭ މަހުގެ ތެރޭގައި ހެރިޓޭޖް މިނިސްޓަރު އަދި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށް ވަނީ ދީފައެވެ. ސިޔާސީ ޕާޓީގެ ގަވާއިދުގައިވާ ގޮތުން ޕާޓީ އުފެއްދުމަށް ހުއްދަ ދޫކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ތިން ހާސް މީހުންގެ ސޮއާއެކު ހުށަހަޅަން ޖެހޭނެއެވެ. ނޫންނަމަ ހުއްދަ ބާތިލްވާނެއެވެ.

އެހެންކަމުން އެމްއާރްއެމަށް އީސީން ދޫކުރެވިފައިވާ ހުއްދައިގެ ދަށުން 3313 ފޯމާއެކު ރަޖިސްޓްރީ ވާން އެ ޕާޓީން ހުށަހަޅާފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ.