ފުވައްމުލަކުގައި ފްލެޓުތަކުގެ އަގުބޮޑުވެ، މުުޒާހަރާ ކުރަން އުޅޭ ކަމުގެ ހަބަރު ފުވައްމުލަކު ކައުންސިލުން ދޮގުކޮށްފިއެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރު މުހައްމަދު ލިރާރު، "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުވައްމުލަކުގައި ރައްޔިތުން ނުކުމެ މުޒާހަރާކުރަން އުޅޭ ކަމަށް ބުނެ މީޑިއާގައި ދައުރުވާ ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ. ނަމަވެސް ފްލެޓުތަކުގެ އަގުތަކާ ގުޅޭގޮތުން ކައުންސިލާއި ރައްޔިތުން ބައްދަލުކޮށް ވާހަކަ ދެކެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިން ޑައުންޕޭމަންޓުގެ ގޮތުގައި 20،000 ރުފިޔާ ނަގާގޮތަށް އޮތް ނަމަވެސް މިހާރު 19،000 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށް ލިރާރު ވިދާޅުވިއެވެ. މީގެއިތުރުން މަހު ކުލީގެ ގޮތުގައި 3000 ރުފިޔާ ނަގަން ކުރިން އޮތް ނަމަވެސް މިހާރު 3800 ރުފިޔާ ނަގާގޮތަށް އޮތުމުން ރައްޔިތުން އެކަމުގެ ޝަކުވާ ކައުންސިލައް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީޑިއާގައި ދެކެވެމުން ދާ މުޒާހަރާ ކުރަން އުޅޭ ހަބަރަކީ ދޮގު ހަބަރެއް. ނަމަވެސް ފްލެޓް ތަކުގެ އަގުތަކާއި ގުޅޭގޮތުން ރައްޔިތުންނާއި ކައުންސިލާ ބައްދަލުކޮށް ވާހަކަ ދެކެވިފައިވަނީ"
ފުވައްމުލަކު ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު

ފްލެޓް ލިބުނު ރައްޔިތުންގެ ޝަކުވާތަކަކީ ކޮބައިތޯ ބެލުމަށް "ދަ ޕްރެސް" އިން ކުރި ސުވާލަކަށް ވަނީ އެރަށުގެ އާންމު ފަރާތެއް ޖަވާބު ދީފައެވެ. އޭނާ ބުނީ، ފްލެތް ލިބުނު މީހުންގެ ތެރޭގައި ހިމެނެނީ އާންމުކޮށް މުސާރައިގެ ގޮތުގައި 5000 ނުވަތަ 6000 ރުފިޔާ ލިބޭ މީހުން ކަމަށެވެ. އޭގެތެރެއިން 3800 ރުފިޔާ ފްލެޓުގެ މަހު ކުއްޔަށް ދައްކައިފި ނަމަ ބާކީ އޮންނާނީ 2000 ރުފިޔާ ކަމަށް އޭނާ ފާހަގަ ކުރަމުން ބުނީ، މި ވަރުން އެ މީހުންގެ ދިރިއުޅުމުގެ ކަންކަން ދެކޮޅު ޖެއްސޭނެ ގޮތެއް ނުވިސްނޭ ކަމަށެވެ.

"އަދި ފެން ބިލާ ކަރަންޓު ބިލާ ކެއުން ބުއިން ކޮބައިތޯ؟ 3800 ރުފިޔާ ކުއްޔަށް ދައްކާފަ ދެކޮޅު ޖެހޭނެ ގޮތެއް ނުވާނެ ދެއްތޯ؟"
ފުވައްމުލަކު ރައްޔިތެއް

މީގެ އިތުރުން އެމީހާ ބުނީ، އެ މީހުންނަށް މި މަހުގެ 5 އިން 11 އާ ދެމެދުގައި ފްލެޓުގެ އެގްރީމެންޓްގައި ސޮއި ކުރުމަށް ދިއުމަށް މެސެޖެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އަގުތައް ބޮޑުވެފައިވާތީ ކައުންސިލާ ވާހަކަ ދައްކައިގެން އެކަމަށް ހައްލެއް ނުލިބި އެ އެގްރީމެންޓްގައި ސޮއިކުރަން ބޭނުން ނުވާ ކަމަށް ބުނެ އެމީހުން ކައުންސިލާ ބައްދަލުކޮށް ވާހަކަ ދައްކާފައިވާނެ ކަމަށް އޭނާ ބުނެއެވެ.

ދާދި ފަހުން ސޯޝަލް މީޑިއާގައި ގުގުމަމުން ދިޔައީ ފްލެޓްތަކުގެ އަގު ބޮޑުވެގެން ފުވައްމުލަކު ރައްޔިތުން ރަތަށް ގޮސްގެން އުޅޭ ހަބަރެެވެ. މި ހަބަރުތަކުގައި ވަނީ އެ ރަށުގެ ރައްޔިތުން މި ކަންބޮޑުވުންތަކުގެ ސަބަބުން މުޒާހަރާއެއް ކުރަން އުޅޭ ކަމަށެވެ.