ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އަކީ "މޭވާ އަޅާ ގަހެއް"ގެ ގޮތުގައި ސިފަކުރައްވާ އެކަމަނާގެ ފިރިކަލުން ގާސިމް އިބްރާހިމް ނަހުލާއަށް މިރޭ ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވައިފިއެވެ.

ޖުމްހޫރީ ޕާޓީއަށް ކުރީގެ ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނާއި އަދި އެނޫންވެސް އާންމު ބައެއް މެންބަރުން ސޮއި ކުރުމަށް ބޭއްވި ހަފްލާއެއްގައި މިރޭ ވާހަކަ ދައްކަވަމުން ގާސިމް އިބްރާހީމް ވަނީ ރާއްޖޭގެ ވަޒީފާތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ކަން ކުރަމުން ގެންދާ ގޮތް އެމަނިކުފާނުގެ ތަޖުރިބާއާ އެކުގައި ހިއްސާ ކުރައްވާފައެވެ.

ގާސިމް އިބްރާހީމް ވިދާޅުވީ ތަނެއް ހިންގުމާ ހަވާލުވެ ހުންނަވާ ފަރާތުން އަބަދުވެސް ބޭނުން ވާނީ ކޮންމެ ކަމެއްވެސް ރަނގަޅަށް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ކަމަށެވެ. އަދި އެކަމެއް ހަވާލު ކުރާ މީހާ އެކަމެއް ގޯސްކޮށް ނުވަތަ އެކަމަކަށް ފަރުވާ ކުޑަ ކުރާ ކަމަށް ވާނަމަ ފިޔަވަޅުވެސް އަޅާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިފަހަރު އެކަން އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާއާ ދިމާވުމުން މުވައްޒަފުން މަސައްކަތް ކުރީ އެކަމަނާގެ އަގު ވައްޓާލަން ކަމަށެވެ.

"ނަމަވެސް ކިހިނެއްތޯ މިވީ. އަތަށް މިގޮވީ ދެއްތޯ. އެކަމަނާއަށް އިތުރު އާންމު ރައްޔިތުންގެ ލޯބި ލިބިގެން ދިޔަތަން ފެނުނީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކަންކަމާ ކުރިމަތިވާނީ ކަންކަން ކުރަން އުޅުއްވާ ބޭފުޅުންނަށް ކަމަށެވެ.

"މޭވާ ނާޅާ ގަހަކަށް ގަޅިއެއް ނޫކާނެ. ކަންތައް ކުރެވޭ މީހުންނަށް ކަންކަން ކުރިމަތިވާނީ. ސިޔާސީ ގޮތުން ވެސް ބޮޑު ރޭހެއްގައި މިއުޅެވެނީ." ގާސިމް ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ ތެރޭގައި ހުރި މައްސަލަތަކަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ އެ މިނިސްޓްރީއަކީ "ކޮރަޕްޝަނުގެ ހާއްޔެއް" ކަމަށާއި ނަމަވެސް އެފަދަ ކަމެއް ކުރުމުގައި ވެސް އަދި އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ދިނުމުގައިވެސް އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި މިނިސްޓަރު ނަހުލާ ޓްރާންސްޕޯޓު މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅަކީ ރަނގަޅު ވާހަކަފުޅުތަކެއް ކަމަށެވެ.

މީގެކުރިންވެސް މިނިސްޓަރު ނަހުލާއަށް ތަފާތު އެކި ފޯރަމްތަކުގައި ތައުރީފު ކުރައްވާ އެކަމަނާގެ ފިރިކަލުން ގާސިމް، މިރޭ ވިދާޅުވީ އެކަމަނާ މުވައްޒަފުންނާ ދެއްކެވި ވާހަކަފުޅާ ގުޅިގެން ކިތަންމެ ފާޑުކިޔުންތަކެއް ގާސިމަށް ރައްދުވި ކަމުގައިވިއަސް އެކަން މާބޮޑު ކަންބޮޑުވުމަކަށް ނުހައްދަވާނެ ކަމަށެވެ.