ނަފްސާނީ ބަލިތަކަށް ފަރުވާދިނުމާއި، އެފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކޮށް، ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އިސްކަންދިނުމަށް ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ، ނަފްސާނީ ދުޅަހެޔޮ ކަމަށް ހޭލުންތެރިކަން އިތުރު ކުރުމުގެ މަގްސަދުގައި "މަގޭ ސިކުނޑީ ތެރޭ" ގެ ނަމުގައި ބާއްވާ އެގްޒިބިޝަނާއި، ނަފްސާނީ ބަލިތައް ތަހައްމުލު ކުރަމުންދާ މީހުންނަށް އެހީތެރިވުމަށް ހިތްވަރުދޭ "ބީ ކައިންޑް" މޫވްމަންޓް އިފްތިތާހު ކުރުމަށް ނެޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަފްސާނީ ބަލިތަކަށް ހާއްސަ، މެންޓަލް ހެލްތު ސެންޓަރު ގާއިމްކުރުމާއިއެކު، އެފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރައްވާ، ރައީސްގެ އަނބިކަނބަލުން ވިދާޅުވީ، ކުރިއަށް އޮތް މަސައްކަތަކީ، އެ މަރުކަޒުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، ހިދުމަތް ފޯރުކޮށްދޭ ތެރަޕިސްޓުންގެ އަދަދު އިތުރުކުރުން ކަމަށެވެ. އަދި، ނަފްސާނީ ބަލިތައް ތަހައްމުލު ކުރަމުންދާ މީހުންނަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ހެލްޕް ލައިނެއް ގާއިމްކުރުމަކީ ޒުވާނުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ކޮންމެ މީހަކުވެސް ފަރުދީ ގޮތުން މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވާ ރައީސްގެ އަނބިކަނބަލުންވަނީ، ޖިސްމާނީ، ނަފްސާނީ، ޖަޒްބާތީ، ރޫހާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަމަކީ ގުޅި ލާމެހިފައިވާ ކަންތައްތަކެއް ކަމަށް ވިދާޅުވެ، މި ހުރިހާ ގޮތަކުން ވެސް ދުޅަހެޔޮކަން ކަށަވަރު ކުރުމަށް އެންމެންވެސް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުންވެސް، ފައިދާހުރި ކާނާއާއި، ނިދި ފުރިހަމަ ކުރުމުގެ އިތުރުން ހަށިގަނޑަށް ގެއްލުންލިބޭ ހުރިހާ ކަމަކުން އެއްކިބާވާން މަސައްކަތް ކުރުމަށްވެސް އެކަމަނާ ގޮވާލެއްވިއެވެ.

ނަފްސާނީ ބަލިތައް ތަހައްމުލު ކުރަމުންދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ، އެފަދަ ބައްޔެއް ތަހައްމުލު ކުރަމުންދާ މީހަކު ގޮވާލައިފިނަމަ ނުވަތަ އެހީއަކަށް އެދިއްޖެ ހާލަތެއްގައި، ވަގުތުން އިޖާބަދީ، އެފަދަ މީހަކު ހިޔާލު ބަދަލުކޮށްލަން ބޭނުންވާނަމަ ވަގުތު ވީ މިންވަރަކުން ފުރުސަތުދިނުމަށް އެދިވަޑައިގެންފައެވެ. އަދި އެފަދަ މީހުންނަށް ވަގުތު ދިނުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން އެކަން ކޮށްދިނުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

"މަގޭ ސިކުނޑީ ތެރޭ" އަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ މެންޓަލް ހެލްތު ސެންޓަރާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާއި، ނެޝަނަލް ސެންޓާ ފޯ ދި އާޓްސްއާއި، ރޮޓަރީ ކްލަބް އޮފް މާލެ ގުޅިގެން އިންތިޒާމްކޮށްފައިވާ ފަންނުވެރިކަމުގެ މައުރަޒެކެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މައުރަޒު ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުންވަނީ "ބީ ކައިންޑް" މޫވްމަންޓް އިފްތިތާހު ކޮށްދެއްވުމުގެ ގޮތުން ހާއްސަ ވައުދެއް ލިޔުއްވާ، އެ ލިޔުންކޮޅު އެ މޫވްމަންޓަށް ހާއްސަކޮށްފައިވާ ކެންވަސްގައި ހަރުކޮށްދެއްވާފައެވެ.