ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އުމުރުން ދުވަސްވީ މީހުންނާއެކު ހާއްސަ ބައްދަލުވުމެއް ބާއްވާ އެމީހންނަށް ބޭންކިންގް އާ ގުޅުން ހުރި މުހިއްމު މައުލޫމާތުތައް ހިއްސާކޮށްފިއެވެ.

ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އާއި އޭޖްޑް ކެއާ މޯލްޑިވްސް ގުޅިގެން މާލީދާއިރާއަށް ހޭލުންތެރިކުރުވުމުގެ ބޭނުމުގައި އުމުރުން ދުވަސް މީހުންނަށް ހާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. ބީއެމްއެލުން ބުނީ، މި ބައްދަލުވުމުގައި ބޭންކިންގް އާއި ރައްކާތެރި ގޮތުގައި އޮންލައިން ބޭންކިންގް ބޭނުންކުރުމާ ގުޅޭ މައުލޫމާތުވަނީ ދީފައިވާ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އުމުރުން ދުވަސްވީ މީހުންނާ އެކީ ބޭއްވި ހާއްސަ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ބީއެމްއެލް

އޭޖްޑް ކެއާ މޯލްޑްވިސްގެ ފަރާތުން ބުނެފައިވަނީ، ބީއެމްއެލުން އޭޖްޑް ކެއާގެ ބައިވެރިންނަށް ބޭއްވި މި ސެޝަނަކީ ވަރަށް މައުލޫމާތު ލިބިގެން ދިޔަ ސެޝަނެއް ކަމަށެވެ. އަދި މިހާރު އިންޓަނެޓް ބޭންކިންގް އާއި އިންޓަނެނެޓް މެދުވެރިކޮށް އެންމެ ރައްކާތެރި ގޮތުގައި ހިދުމަތް ބޭނުންކުރާނެ މައުލޫމާތާއި އިންޓަނެޓް މެދުވެރިކޮށް ލިބޭ ފްރޯޑްގެ ސަބަބުން އަންނަ ނުރައްކާތެރިކަމުން ސަލާމަތްވާނެ ގޮތުގެ މައުލޫމާތު ލިބިގެން ދިޔަކަމަށްވެސް އެ ފަރާތުން ބުނެއެވެ.

ބީއެމްއެލުން ދިން މައުލޫމާތުގެ ތެރޭގައި ވަކިން ހާއްސަކޮށް އެކި ކުންފުންޏާއި މުވައްސަސާތަކުގެ ނަމުގައި ގުޅައި އޮޅުވާލައިގެން ފައިސާ ހޯދުމަށާއި ކާޑުގެ މައުލޫމާތު ހޯދަންކުރާ މަސައްކަތްތަކަށް ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ މައުލޫމާތުވެސް ވަނީ މި ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އުމުރުން ދުވަސްވީ މީހުންނާ އެކީ ބޭއްވި ހާއްސަ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ބީއެމްއެލް

މީގެ އިތުރުން ބޭންކުން ވަނީ އޮންލައިންކޮށް ހިދުމަތްތައް ހޯދުމުގައި ސަމާލުވާން ޖެހޭ ބައެއް މުހިންމު ކަންކަންވެސް ފާހަގަކޮށްފައެވެ. އިންޓަރނެޓް، މޮބައިލް އަދި ސެލްފް ސާވިސް ބޭންކިންގް ޓެކްނޮލޮޖީއަށް ކުރެވުނު އިންވެސްޓާއެކު ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ހިދުމަތް ހޯދުމަށް އެކި ވަސީލަތްތައް ހޯދައިދެވި އަދި ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ހިދުމަތް ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ބީއެމްއެލްގެ ފަރާތުންވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ.