ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގައި ހުރި ޗެކް ޕޯސްޓުތަކަކަށް އަމާޒުކޮށް ޕާކިސްތާނުން މިއަދު ހެނދުނުގެ ވަގުތެއްގައި ހަމަލާތަކެއް ދީފައިވާކަމަށް އިންޑިއާއިން ބުނެފިއެވެ.

ޕޫންޗް ޑިސްޓްރިކްޓްގެ ޗެކް ޕޯސްޓްތަކަކާ އަވަށްތަކަކަށް އަމާޒުކޮށް ޕާކިސްތާނުން ހަމަލާދީފައިވަނީ މޮޓަރު ބަޑިއާއި ކުދި ފިސްތޯލަ ޒާތުގެ ހަތިޔާރު ބޭނުންކޮށް ކަމަށް އިންޑިއާއިން ބުނެއެވެ.

އިންޑިއާއިން ވަނީ މި ހަމަލާތަކުގެ ރައްދުގައި ޕާކިސްތާނަށްވެސް ހަމަލާދީފައެވެ.

މިއަދުގެ ހަމަލާ ބަދަލުކުރުންތައް ހިންގާފައިވަނީ އިންޑިއާއާއި ޕާކިސްތާނު ގުޅޭ ސަރަހައްދުގައި އޮންނަ ލައިން އޮފް ކޮންޓްރޯލް އިން ހުރަސްކޮށެވެ. މި ހަމަލާތަކުގައި މީހެއްގެ ފުރާނަ ގެއްލުނު ކަމުގެ ރިޕޯޓެއް ލިބިފައި ނުވި ނަމަވެސް، 6 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް ޚަބަރު ލިބެއެވެ.

މިއަހަރަކީ އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ނުރައްކާތެރި ފައްތަރެއްގައި އޮތް އަހަރަކަށްވާއިރު، މިއަހަރުގެ މިހާ ހިސާބަށް ލައިން އޮފް ކޮންޓްރޯލް އެއްބަސްވުމާ ހިލާފަށް ޕާކިސްތާނުން 2000 އަށްވުރެ ގިނަ އަމަލެއް ހިންގާފައިވާކަމަށް އިންޑިއާއިން ތުހުމަތުކުރެއެވެ. މި ހަމަލާތަކުގައި 21 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު އެންމެ ފަހުން ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލަފައިވަނީ 2003 ވަނަ އަހަރުގެ ތެރޭގައި ކަމަށްވާއިރު، އެ އެއްބަސްވުމަށް އިހުތިރާމްކުރުމަށް އިންޑިއާއިން ދަނީ ތަކުރާރުކޮށް ޕާކިސްތާނަށް ގޮވާލަމުންނެވެ.