މި ސަރުކާރު ނިމި ދެން އަންނަ ސަރުކާރަކުން ޓެރަރިޒަމް ގާނޫނުގެ ނާޖާއިޒް ބޭނުން ނުހިފާނެ ކަމުގެ ކިހާ ވަރެއްގެ ގެރެންޓީ އެއް އޮތްތޯ އައްސަވައި ޝެއިހް ޑރ. މުހައްމަދު އިޔާޒް ސުވާލު އުފައްދަވައިފިއެވެ.
ޑރ. އިޔާޒް މިފަދައިން ސުވާލު އުފައްދަވާ ޓްވީޓް ކުރެއްވީ، ޓެރަރިޒަމް ގާނޫނުގެ ނާޖާއިޒް ބޭނުން މި ސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާއި ގުޅިގެންނެވެ. އެގޮތުން، ޑރ. އިޔާޒް ވަނީ މި ސަރުކާރު ނިމި ދެން އަންނަ ސަރުކާރަކުން މި ގާނޫނުގެ ނާޖާއިޒް ބޭނުން ނުހިފާނެ ކަމުގެ ކިހާ ވަރެއްގެ ގެރެންޓީ އެއް މިނިސްޓަރު އިމްރާނަށް އޮތްތޯ އައްސަވާފައެވެ.
މީގެ އިތުރުން ޑރ. އިޔާޒް ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިނިސްޓަރު އިމްރާނަށް ކަންތައް ދިމާވިގޮތް ހަނދުމަ ހުންނެވިތޯ އައްސަވާފައެވެ. ޑރ. އިޔާޒްގެ މި ސުވާލު އަމާޒު ކުރެއްވީ، މިދިޔަ ސަރުކާރުން 4 އަހަރު މިނިސްޓަރު އިމްރާން ޖަލުގައި ބެހެއްޓި ބެހެއްޓުމަށެވެ.
ޓެރަރިޒަމް ގާނޫނު ފާސް ކުރުމާ އެކު މިނިސްޓަރު އިމްރާން ވިދާޅުވީ، ޓެރަރިޒަމްގެ ގާނޫނަށް ގެންނަން ސަރުކާރުން ބޭނުންވި ބަދަލުތައް މަޖިލީހުން ފާސްކުމަކީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ. ބޮޑެތި އަދަބުތަކާއި، ކޯޓު އަމުރާ ނުލައި މީހުން ހައްޔަރުކުރެވޭ ގޮތަށް ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހެޅި ޓެރަރިޒަމްގެ ބިލު ފާސްކުރީ ދައުރުން ބޭރުން އިއްޔެ ބޭއްވި ތިންވަނަ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ކޮމިޓީން ގެނައި އިސްލާހާއި މަޖިލީހުން ގެނައި އިސްލާހުތަކާއެކު މި ބިލު ފާސްކުރުމަށް ވޯޓު ދެއްވީ ހާޒިރުވެރި ތިއްބެވި 52 މެންބަރުންނެވެ.
މި ބިލު މަޖިލީހުން ފާސްކުރި ނަމަވެސް، މި ގާނޫނަކަށްވެ އެއަށް އަމަލުކުރަން ފަށާނީ ރައީސް މި ބިލު ތަސްދީގު ކުރެއްވުމުންނެވެ.