ދިވެހިންނަކީ ކާބަފައިންގެ ޒަމާނުއްސުރެ މުނިފޫހިފިލުވުމަށް އެކި ކަންކަންކޮށް އުޅުނު ބައެކެވެ. ޒަމާނާއެކު އަންނަމުންދާ ޓެކްނޮލޮޖީވެސް މިކަމާ އެކުވެ، ކައިރި ހިސާބުތަކުގެ ނުފޫޒު ދިވެހިންގެ މޫނިފޫހިފިލުވުމުގެ ތާވަލަށް އިތުރުވަމުން ދިޔައެވެ. އޮޅުދުކަރާއައި ހިންދުކަރައިގެ އަސަރާ މަސްތުގައި ދިވެހިން ޖެހުނު ދުވަސްވަރެއް ދެކެފީމުއެވެ. ހިންދުކަރައިގެ އަވައިން ސަލާމަތްނުވެވި އުޅެނިކޮށް ދުނިޔޭގެ އެންމެ އިރުމަތިން ކޮރެޔާގެ ފަންނުވެރިން ދިވެހިންގެ ހިތްތައް ފަތަހަ ކުރިއެވެ. އެކަމުން އަރައިނުގަނެވިގެން އުޅެނިކޮށް ދިވެހި ލޯތަށް މިހާރު އަމާޒުވެފައިވަނީ ތުރުކީވިލާތުގެ ފިލްމީ ސިނާއަތަށޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.
ތަފާތު އެކި ސްޓްރީމިންގް ހިދުމަތްތަކާ، ޔޫޓިއުބް ފަދަ ވިޑީއޯ ހިއްސާކުރެވޭ ސައިޓްތަކުން ފަސޭހަކަމާއެކު ބަލާލެވޭ ސީރީޒްތަކަކަށް ތުރުކީވިލާތުގެ އުއްފެއްދުންތައް ވެގެންދިއުމާއެކު ދިވެހި ޒުވާން އަންހެންވެރިންގެ ހިތްތައް ފަތަހަ ކުރި އެކަކީ ތުރުކީވިލާތުގެ ސްކްރީންތަކުން މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުވާލި ޒުވާން ބަތޮލް ޖާން ޔަމާންއެވެ.
މީލާދީން 1989 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތުރުކީވިލާތުގެ އިސްތަންބޫލަށް އުފަންވީ ޖާން އުޅެބޮޑުވީވެސް ތުރުކީވިލާތުގައެވެ. އޭނާގެ ބައްޕަ ފަރާތު ކާފައަކީ އަލްބޭނިއާއިން ތުރުކީވިލާތަށް އެތެރެވި ކޮސޯވޯ މީހެކެވެ. މާމައަކީ އުތުރު މެސަޑޯނިއާ މީހެކެވެ. ބޮޑުބޭބެއަކީ މަޝްހޫރު ފުޓުބޯޅާ ކޯޗު ފުއާދު ޔަމާންއެވެ. އެހެންކަމުން، ޖާންގެ ލޭގައި ހިނގަނީ އެކި ނަސްލުގެ އަސަރެވެ. ނަމަވެސް ޖާން ނިސްބަތްވަނީ ޔޫގޯސްލާވިއާ ދަރިކޮޅަށެވެ.
ޅައުމުރަކުން ފަށައިގެންވެސް ޖާންއަކީ ފާހަގަކޮށްލެވުނު ޝަހްސެކެވެ. އޭނާއަށް ލިބިފައިވި ޖިސްމާނީ ރީތިކަމާ އެއްވަރަށް، ސިކުނޑިތަނަވަހެވެ. ހިތް އައްޔެވެ. ހައި ސްކޫލްގެ ދުވަސްވަރު އޭނާ ނިންމާލީ މުޅި ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ ގޮތުގައެވެ. ޖާން ދެން މިސްރާބުޖެހީ އެމެރިކާއާ ދިމާލަށެވެ. ދަރިވަރުން ބަދަލުކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން އެމެރިކާއިންވެސް ތައުލީމު ހާސިލުކުރުމަށްފަހު، 2012 ވަނަ އަހަރު ގާނޫނީ އިލްމުގެ ރޮނގުން ޖާން ފުރަތަމަ ޑިގްރީ ހާސިލުކުރިއެވެ.
ދެން ފެނިގެންދިޔައީ އޭނާގެ އަމިއްލަ ލޯ ފާމެއް ހުޅުވި މަންޒަރެވެ. މި ރޮނގުންވެސް އޭނާ ގިނަ ކާމިޔާބީތަކެއް ހޯދިއެވެ. ގާނޫނީ ވަކީލުކަން ކުރަމުން، އެކްޓްކުރުމުގެ ރޮނގުން އޭނާ ކިޔަވަން ފެށިއެވެ. އެކަން ފެށީ ހުސްވަގުތު ފަޅުފިލުވާލުމުގެ ގޮތުންނެވެ. އެކްޓު ކުރުމުގެ ރޮނގުންވެސް ޖާން އަށް އެރުނީ ބޮންތިއަށްކަން މި ކުޑަކުޑަ ދިވެހިރާއްޖޭގެ ޒުވާނުންގެ ސޯޝަލް މީޑިއާ ފީޑުތަކަށް ބަލާލުމުން އެނގެއެވެ.
ގަދަ މުށިކުލައިގެ ވަރުގަދަ އިސްތަށިގަނޑަކާއި، މުށިކުލައިގެ ކަޅިއަކުން ދޭ ނަޒަރުން އެތައް ހިތެއް ކަތިލަމުންދާ ޖާންއަކީ ކުޅަދާނަ ބާސްކެޓްބޯޅަ ކުޅުންތެރިއެއްވެސްމެއެވެ. ހަމައެހެންމެ މޮޑެލްއެއްވެސް މެއެވެ. ފުޓުބޯޅައާއި ބެޑްމިންޓަންވެސް އެހާމެ ގަދަޔަށް ކުޅެއެވެ. ތުރުކީ ބަހުގެ އިތުރު އިނގިރޭސި ބަހާ ޖަރުމަނު ބަސްވެސް ހިމެނޭ ގޮތަށް 6 ބަހަކުން ފަރިތަކޮށް މުއާމަލާތުކޮށް އުޅޭ ޖާންއަކީ މިއުޒިކް ކުޅުމަށްވެސް ކުޅަދާނަ ޒުވާނެކެވެ. ގިޓަޔާ ޕިއާނޯ ކުޅުމުގެ އިތުރުން ޖާންއަކީ ބެރިވެރިއެއްވެސްމެއެވެ.
ޖާން ސްކްރީންތަކަށް ތައާރަފުވީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު ދުނިޔޭގެ އެކި ހިސާބުތަކުން ޖާންއަށް ތައުރީފުކުރަމުންދާ މީހުންގެ ލިސްޓު ދިގުވަމުން ގޮސް، ކުޑަ ދުވަސްކޮޅެއްގެތެރޭގައި އެންމެ ކާމިޔާބު އެކްޓަރުންގެ ލިސްޓަށް އަރައިފިއެވެ. އަދި ޓީވީ އެކްޓަރުންނަށްދޭ ގިނަ އެވޯޑްތަކެއް ހާސިލުކުރަން ފެށިއެވެ.
ދިވެހިންގެ ތެރެއަށް ޖާން ތައާރަފުވެގެން އައީ 2018 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ދައްކަން ފެށި ތުރުކީ ޓީވީ ސީރީޒް 'އެރްކެންޖީ ކޫޒް' ނުވަތަ "އާލީ ބާޑް"އިންނެވެ. މިއާއެކު ދިވެހި ޖިންސުއްލަތީފުން "މަށަށް މަށަށް" ގޮވައޭ ކިއާއުޅުނު ބީދައިން ޖާންގެ ސަޕޯޓަރުންނަށް ވެ ނިމިއްޖެއެވެ. މިތަންފެނި، ޒުވާން ފިރިހެން ކުދިންވެސް ޖާންއާއި ސިފަ އެއްގޮތްވުމަށް ސްޓައިލަށް ބޮޑެތި ބަދަލުތަކެއް ގެންނަންފެށީ އެސްފިޔަޖަހާލާ ހަލުވި މިނެއްގައެވެ.
އެފަދަ ޒުވާނުންނަށް ޖާން ދޭ ނަސޭހަތެއްވެސް އޮވެއެވެ. ޖާން ބުނާ ގޮތުގައި ހުރިހާ އެއްޗަކީ ބުރުސޫއެއް ނޫނެވެ. މީހާގެ މޫނަށް އަރާ ފައިބަމުންދާ ކުލަވަރުގެ އިތުރުން ތޫނުފިލުކަމާ، ޖަޒުބާތާ އިހުސާސްތަކަކީވެސް ދަސްކުރަންޖެހޭ މުހިންމު އުކުޅުތަކެއްކަން ޖާން ފާހަގަކުރެއެވެ. އަދި އޭނާއަށް މިހާރު ލިބިފައިވާ ހަށިގަނޑުގެ ސިއްރަކީ ވަރަށް ބުރަ މަސައްކަތެއްގެ ނަތީޖާކަން ޖާން ފާހަގަކުރެއެވެ. ހަމަ އެހެންމެ، އާއިލީ ޖީންސްވެސް އެކަމުގައި ދައުރެއް އަދާކުރާ ކަމަށް ޖާން ގަބޫލުކުރެއެވެ.
ކަންމިހެންއޮތްއިރު ޖާންއަކީ އޭނާގެ ޒާތީ ހަޔާތް ކެމެރާގެ ކުރިމައްޗަށް ގެންނަން ބޭނުންވާ މީހެއް ނޫންކަމަށްވެއެވެ. ނަމަވެސް އަޖެލްޔާ ތޯޕަލްލޮގްލޫއާއިއެކު ލޯބީގެ ގުޅުންތަކެއްގައި ޖާން ބަނދެވުނެވެ. އަޖެލްޔާއެކު ޖާންވަނީ ތުރުކީ ސީރީޒް "ލަވް އިޒް ސްޓަބަން"ގައިވެސް މަސައްކަތްކޮށްފައެވެ. އޭގެ ފަހުންވެސް ލޯބީގެ ގުޅުންތަކެއް ހިންގުމަށްފަހު ބުނެވޭ ގޮތުގައި ޖާން މިވަގުތު ހުރީ ހުހަށެވެ.