މި މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ވަގުތީ އެހީތެރިކަމަށް އެދި 786 މީހަކު ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)ގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

އެންޑީއެމްއޭއިން މިއަދު ކުރި ޓްވީޓެއްގައި ވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އޮތޯރިޓީގެ އެހީތެރިކަމަށް އެދުުނު ފަރާތްތަކާއި ގުޅޭ ތަފާސް ހިސާބުތު އާއްމުކޮށްފައެވެ. އެގޮތުން އެންމެ ގިނައިން އެހީތެރިކަމަށް އެދިފައިވަނީ ދިވެހިންނެވެ. އެއީ 636 މީހެކެވެ. ދެވަނައަށް އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެ ގައުމުގެ 104 މީހަކު އެހީތެރިކަމަށް އެދި ރަޖިސްޓްރީ ކޮށްފައިވާއިރު ތިންވަނައަށް އެންމެ ގިނައީ އިންޑިއާ އަދި ނޭޕާލްގެ ރައްޔިތުންނެވެ. އިންޑިއާގެ 19 މީހަކު ރަޖިސްޓްރީ ކޮށްފައިވާއިރު ނޭޕާލްގެ 16 މީހަކު ވަނީ ރަޖިސްޓްރީ ކޮށްފައެވެ. މީގެއިތުރުން ފިލިޕީންސްގެ ހަ މީހަކާއި ސްރީލަންކާގެ ހަތަރު މީހެއްގެ އިތުރުން މިސްރުގެ އެއް ރައްޔިތަކު ވަނީ ވަގުތީ އެހީތެރިކަމަށް އެދި ރަޖިސްޓްރީ ކޮށްފައެވެ.

އެންޑީއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ވަގުތީ އެހީތެރިކަމަށް ހޯދި ފަރާތްތަކުގެ ތެރެއިން އެންމެ ގިނައީ ފިރިހެނުންނެވެ. އެގޮތުން ޖުމްލަ 450 ފިރިހެނުން ވަގުތީ ބޯހިޔާވަހިކަމުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ. ވަގުތީ ބޯހިޔާވަހިކަމުގައި ރަޖިސްޓްރީ ކޮށްފައިވާ އަންހެނުންގެ އަދަދަކީ 336 އެކެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެންޑީއެމްއޭއިން ވަނީ ފަންޑެއް ވެސް ހުޅުވާލައިފައެވެ. އެ ފަންޑަށް ވެސް މިލިއަނަކަށްވުރެ ގިނަ ރުފިޔާ މިހާރު ވަނީ ލިބިފައެވެ.