ޗައިނާގައި ބޮޑެތި ލާއިންސަނީ އަނިޔާތަކެއް ތަހައްމަލު ކުރަމުންދާ ވީގޫރު ދަރިކޮޅުގެ މުސްލިމުންގެ އެތެރެ ހަށީގެ ގުނަވަންތަކާ ޓިޝޫތައް، އެހެން މީހުންގެ ހަށިގަނޑުގައި ޓްރާންސްޕްލާންޓް ކުރުމަށް ނަގަމުން އަންނަ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ބައިމަދު ވީގޫރު ދަރިކޮޅުގެ މުސްލިމުންގެ އެތެރެހަށީގެ ގުނަވަންތައް ނަގައިގެން ހާވެސްޓްކުރުމުގެ މަސައްކަތް، ޗައިނާއިން ކުރަމުން އަންނަ ކަމުގެ ތުހުމަތު އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގައި ފެންމަތި ކޮށްފައި ވަނީ އިންސާނުންގެ ހަށިގަނޑުގެ ގުނަވަންތަކުން ނާޖައިޒު ފައިދާ ނަގުމާ ދެކޮޅަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ޗައިނާ ޓްރައިބިއުނަލްއިންނެވެ.

ޗައިނާ ޓްރައިބިއުނަލްގެ ވަކީލެއް ކަމަށްވާ ހާމިދު ސާބީ ވިދާޅުވީ އޯގަން ހާވެސްޓްކުރުމުގެ ނަމުގައި ޗައިނާގައި އާބާދީގެ ގޮތުން ބައިމަދު ޖަމާއަތްތަކަށް ނިސްބަތްވާ މީހުންގެ ހަށިގަނޑުން ހިތާ، ކިޑްނީއާ، ފުއްޕާމޭގެ އިތުރުން ގައިގެ އެކި ހިސާބުތަކުން ހަންވެސް ނަގަމުން ދާކަމަށެވެ.

ޗައިނާ ޓްރައިބިއުނަލްގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ސާބީ ވިދާޅުވެފައިވާ ގޮތުން ނަމަ މިކަމުގެ އެންމެ ބޮޑު ޝިކާރައަކަށް ވަނީ ވަކި ދީނީ ނުވަތަ ސިޔާސީ ފިކުރެއް ގަބޫލުކުރުމުގެ ސަބަބުން ޖަލަށް ލާފައި ތިބި ގައިދީންނެވެ. އަދި މިކަން މިހެން ހިނގަމުންދާތާ އަހަރުތަކެއް ވެފައި ވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ގަރުނުގެ ތެރޭގައި ހިންގި އެންމެ ވަރުގަދަ ލާއިންސާނީ ޖަރީމާތަކުގެ ތެރޭގައި މިކަން ހިމެނޭކަމަށާ، މިކަމުގެ ޝިކާރައަކަށް އެތައް ސަތޭކަ މީހުނެއް ވެފައިވާކަން ޗައިނާ ޓްރައިބިއުނަލްގެ ވަކީލު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ޗައިނާ ސަރުކާރުގެ އޯޑަރަށް، ގައިދީން މެރުމުގެ އަމަލުވެސް ޗައިނާގައި ހިންގަމުންދާކަމަށް ސާބީ ވަނީ ވިދާޅުވެފައެވެ.

ޗައިނާގައި ދިރިއުޅެމުންދާ ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ވާހަކަ، ޗައިނާގެ ކޮމިއުނިސްޓް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ދޮގުކުރެއެވެ.