އިންޑިއާގެ މައި ސަރުކާރުން ތަންފީޒުކުރަމުންދާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅު ހެދުމުގެ ގޮތުން، ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި ފުޅާދާއިރާއެއްގައި ކުރަމުންދިޔަ އާފަލު ހެއްދުމުގެ ދަނޑުވެރިކަމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

އެގޮތުން ކަޝްމީރުގެ ދަނޑުވެރިން ވަނީ، އާފަލު ދަނޑުތަކުން އާފަލު ބިނުން ހުއްޓާލައި، އެ އާފަލުތައް ގަހުގައި އިނދެ ފީވެ، ކުނިވާން ދޫކޮށްލާފައެވެ.

ކަޝްމީރުގެ އާފަލު ވިޔަފާރިއަކީ އިންޑިއާގެ އިގުތިސޯދުގެ މުހިންމު ނާރެހަކަށްވާއިރު، ކަޝްމީރުގެ ދަނޑުވެރިންގެ މި އިހުތިޖާޖަކީ، އިންޑިއާގެ މައި ސަރުކާރާ ދެކޮޅަށް ކަޝްމީރުގައި ހަރަކާތްތެރިވާ ޖަމާއަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ދަނޑުވެރިން ކުރަމުން އަންނަ ކަމެއް ކަމަށް ބެލެވެއެވެ. އެހެނީ، މައި ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ޖަމާއަތްތަކުން ވަނީ، އެ މީހުންގެ މަސައްކަތުގައި ދަނޑުވެރިންވެސް ބައިވެރިވެ، އާފަލުގެ ދަނޑުވެރިކަން ކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ގޮވާލާ ޕޯސްޓަރުތަކެއް ކަޝްމީރުގެ އެކި ހިސާބުތަކުގައި ހަރުކޮށްފައެވެ.

ކަޝްމީރުގެ މުއްސަނދި ބިންގަނޑުގައި ހައްދާ އާފަލުގެ ވިޔަފާރިން އަހަރެއްގެ މައްޗަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ލިބޭއިރު، ކަޝްމީރުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ ސީދާ ގޮތުންނާ ނުސީދާ ގޮތުން، އާފަލު ހެއްދުމުގެ މަސައްކަތާ ގުޅިފައިވާ މީހުންނެވެ.

އިންޑިއާގެ މައި ސަރުކާރުން ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް ކަޝްމީރުގެ ރައްޔިތުން ތެދުވަން ފަށާފައި މިވަނީ، ކަޝްމީރުގެ މިނިވަންކަމާ އިސްތިގުލާލު ކަށަވަރު ކޮށްދިން މާއްދާ 370، އިންޑިއާގެ ގާނޫނު އަސާސީއިން އުވާލާ، ޖައްމުއާއި ކަޝްމީރަށް ލިބިފައި އޮތް ސްޓޭޓެއްގެ ދަރަޖަ، ޔޫނިއަން ޓެރިޓަރީތަކެއްގެ ދަރަޖަށް ދަށްކޮށްފައިވާ ދަނޑިވަޅެއްގައެވެ.