އަންހެނުންނަށާއި ފިރިހެނުންނަށް ހާއްސަ ދެ ނަމާދު ކޮޓަރިއެއް ދަރުމަަވަންތަ ކޮމްޕްލެކްސްގައި ހުޅުވައިފި އެވެ.

އައިޖީއެމްއެޗުން ބުނީ އަންހެނުންނާއި ފިިރިހެނުން ނަމާދުކުރުމަށް ހާއްސަކޮށްގެން ހުޅުވި ދެ ނަމާދު ކޮޓަރި ހުންނާނީ ދަރުމަވަންތަ ކޮމްޕްލެކްސްގެ ފަސްވަނަ ފަންގިފިލާގައި ކަމަށެވެ. އައީޖީއެމްއެޗްގެ ވޯޑް ތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވޯޑްތަކުގައި ނަމާދު ކުރުމުގެ އިންތިޒާމްވެސް ހަމަޖައްސާފައި ވާކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ދަރުމަވަންތަ ކޮމްޕްލެކްސްގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ވާއިރު މިދިޔަ ހަފުތާގެ ތެރޭގައި ވަނީ އައިޖީއެމްއެޗުގެ މިސްކިތް ބަންދުކޮށްފައެވެ. މައުލޫމާތް ލިބިފައިވާ ގޮތުގައި އެ މިސްކިތް ބަންދުކޮށްފައި ވަނީ ވަގުތީ ގޮތުންނެވެ. ދަރުމަވަންތަ ކޮމްޕްލެކްސް ރަސްމީ ކޮށް ހުޅުވާފައި ނުވިނަމަވެސް އައިޖީއެމްއެޗްގެ ބައެއް ހިދުމަތްތައް ވަނީ ދަރުމަވަންތަ ކޮމްޕްލެކްސް އަށް ބަދަލުކޮށްފައެވެ.