ދުނިޔޭގެ ހިތުގެ ދުވަސް އެސްޓީއޯއިން ފާހަގަކުރުމަށް ސެމިނާއެއް ބާއްވައިފިއެވެ.

އެސްޓީއޯ އިން ބުނީ، އެ ކުންފުންޏާއި، ޑރ ރެޑީ ފާމާ ގުޅިގެން ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ކާޑިއޯސްފިއަ ކޮންފަރެންސް" ގެ ނަމުގައި ސެމިނާއެއް ބާއްވާފައިވާ ކަމަށެވެ. މިއަދު ހޮޓެލް ޖެންގައި ކުރިއަށް ގެންދިޔަ މި ސެމިނާ އަކީ އައިޖީއެމްއެޗާއި އޭޑީކޭ އަދި ޓްރީޓޮޕްގެ ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ ސެމިނާ އެކެވެ.

‎މި ސެމިނާގައި އޭޑީކޭ އާއި އައިޖީއެމްއެޗް އަދި އިންޑިއާގެ އަމްރީތާ ހޮސްޕިޓަލުގެ ޑޮކްޓަރުން މައުލޫމާތު ދެއްވެވިއެވެ.

"މަގޭ ހިތް، ތިބާގެ ހިތް - ހިތުގެ ދުޅަހެޔޮކަމަށް އެންމެން ގުޅިގެން ވައުދެއް ވަމާ" މި ޝިއާރުގައި މިއަދު ފާހަގަ ކުރަމުން މިދާ ދުނިޔޭގެ ހިތުގެ ދުވަހަކީ، ‎ހިތާއި ލޭނާރުގެ ބަލިތަކާ މެދު ހޭލުންތެރިކަން އިތުރު ކުރުމަށް ފާހަގަ ކުރާ ދުވަހެކެވެ. މިފަދަ ބަލިތަކުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަހަރަކު 17.9 މިލިޔަން މީހުން މަރުވެއެވެ.

ރާއްޖޭގެ އާބާދީގެ މިހާރުގެ ހާލަތަށް ބަލާއިރު، އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 84 ޕަސެންޓު މީހުންނަކީ ގައިންގަޔަށްނާރާ ބަލިތަކުގެ ޝިކާރައަށްވާ މީހުންނެވެ. މީގެ ތެރޭގައި 36 މީހުންނަކީ ހިތާއި ލޭނާރުގެ ބަލިތަކުގެ ސަބަބުން މަރުވާ މީހުންނެވެ.