މިމަހު 20 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިމުގެ މަސައްކަތް ދަރުބާރުގޭގައި ކުރިޔަށްދާގޮތް ނައިބު ރައީސް ފައިސަލް ނަސީމު ބައްލަވާލައްވައިފިއެވެ.

ނައިބު ރައީސް ރޭ ދަރުބާރުގެއަށް ކުރެއްވި ޒިޔާރަތުގައި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އެތަނުގައި ގާއިމުކޮށްފައިވާ ވަގުތީ ސެންޓަރުގައި އެހީގެ ތަކެތި ބަލައިގަތުމާއި އަދި އެހީ ބޭނުންވާ ފަރާތްތަކަށް އެތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިޔަށްދާގޮތާބެހޭ ގޮތުން މައުލޫމާތު އޮޅުން ފިލުއްވިއެވެ.

ނައިބު ރައީސް ވަނީ މި ޒިޔާރަތުގައި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ މޯލްޑިވްސް ރެޑް ކްރެސެންޓުގެ ފަރާތުންނާއި އަދި އެހެނިހެން އިދާރާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއި ވަކިވަކި ފަރުދުންގެ ގޮތުގައި ހަރަކާތްތެރިވާ ދަރުމަވެރިންނާ ބައްދަލުކުރައްވައި އެ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވަގުތީ ހިޔާގެ މަސައްކަތް ކުރިޔަށްދާގޮތް ބެއްލެވުމަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މިމަހު 20 ވަނަ ދުވަހުގެ ރޭ އިރާކޮޅު ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގީ ކެމިކަލް ގުދަނެއްގައި ރޯވެގެންނެވެ. އެ ހާދިސާގައި 6 ގެއަކާއި 4 ކެމިކަލް ގުދަން އަނދާފައި ވާއިރު، 130 އަށް ވުރެ ގިނަ އާއިލާ ވަނީ ހާލުގައި ޖެހިފައެވެ. އަދި އެ އާއިލާތަކަށް ވަގުތީ ބޯހިޔާ ވެހިކަން ވަނީ ފޯރުކޮށް ދީފައެވެ.