ރާއްޖޭގައި ކުރާ ކޮންމެ އިގްތިސޯދީ މަސައްކަތެއްގައި ވެސް ދިވެހިންނަށް އިސްކަން ދޭންޖެހޭކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ފަރުކޮޅުފުށީގައި ކުރިޔަށްދާ ޖޮބް ފެއާއަށް ޒިޔާރަތްކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ ދިވެހި ޒުވާނުންނަށް އަދި ވަކިން ހާއްސަކޮށް ދިވެހި އަންހެނުންނަށް ބޭނުންވަނީ ވަޒީފާގެ ބާޒާރުގައި ފުރުސަތުތައް ލިބުންކަމުގައެވެ.
ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ކުރިޔަށްދާ މި ޖޮބް ފެއާއަށް އިޝާރާތްކުރައްވައި ނައިބު ރައީސް ވިދާޅުވީ މިއީ ފެށުމެއްކަމަށާއި ކުރިމަގުގައި ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ވަޒީފާ އަދާކުރާ ނިސްބަތް އިތުރުވެގެންދާތަން ފެނިގެންދާނެކަމަށެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ އަދި ސަރުކާރުގެ އިދާރާތައް ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް އަދި ވަކިން ހާއްސަކޮށް ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.
ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ފަރުކޮޅު ފުށީގައި ކުރިޔަށްދާ މި ޖޮބް ފެއާގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާގެ ފުރުސަތުތައް ހަމަޖައްސައިދޭ ގޮތަށް އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ ފެއާއެކެވެ. އެގޮތުން މި ފެއާގެ ތެރެއިން 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެއެވެ.