ގިނަ އަދަދެއްގެ ޔޫރޯ އާއި ޑޮލަރު ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ދިވެއްސަކާއި އިންޑިއާ ރައްޔިތެއް ހިފަހައްޓައިފިއެވެ.

މި ފައިސާތަކުގެ ޖުމްލަ އަދަދު 1.7 މިލިއަން ރުފިޔާއަށް އަރައެވެ. ފުލުހުން ބުނީ މި މަހުގެ 15 ވަނަ ދުވަހު 33 އަހަރުުގެ އިންޑިއާ ރައްޔިތެއް 60،000 ޑޮލަރާއި 5400 ޔޯރޯ އަށްވުރެ ގިނަ ފައިސާ ހިފައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ ހިފަހަައްޓާފައިވާ ކމަށެވެ.

މީގެ އިތުރުން މި މަހުގެ 23 ވަނަ ދުވަހު 43 އަހަރުގެ ދިވެހި ފިރިހެނެއް 4600 ޑޮލަރާއި 37،500 ޔޯރޯ ހިފައިގެން ފުރަންގޮސް ހުއްޓާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް މި ދެ މައްސަލައާއި ގުޅިގެން ވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، އެ މައްސަލަ ތަހުގީގުކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ.

އެމްއެމްއޭގެ ހުއްދައަކާ ނުލައި ރާއްޖެއިން އެތެރެކޮށް އަދި ބޭރު ކުރެވޭނީވެސް އެންމެ ގިނަވެގެން 20،000 ޑޮލަރެވެ. ގިނަ އަދަދެއްގެ ބޭރު ފައިސާ ހިފައިގެން ދެ މީހަކު ފުރަން ގޮސް ހުއްޓާ ހުއްޓުވާފައިވާ އިރު، ދާދި ފަހުން އިމިގްރޭޝަނުން ވަނީ މަނީލޯންޑަރިން ކުރުމުގެ މައްސަލައިގައާއި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ މައްސަލައިގައި ދެ މީހަކު ޑީޕޯޓްކޮށްފައެވެ.