ދިވެހި އާޓިސްޓެއް ކަމަށްވާ އަލީ ޝިމްހާގުގެ ޑިޖިޓަލް އާޓެއް ވަގަށް ނެގި މައްސަލައިގައި ބެކްސްޓްރީޓް ބޯއިސްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކޮލަސް ޖޭމްސް ކާޓާގެ ކޮއްކޮ އާރަން ކާޓާ ހޫނު ފެނަށް ވެއްޓިއްޖެއެވެ.

މިއަދު މައްސަލަ ހޫނު ވެގެން ދިޔައީ ދިވެހި އާޓިސްޓް ޝިމްހާގްގެ ދިފާއުގައި ގިނަ އަދަދެއްގެ ބަޔަކު ނުކުމެ އާރަން ކާޓާއާ ދިމާކޮށްލި ހިސާބުންނެވެ. މިކަން ފެށިގެން އައީ 2014 ވަނަ އަހަރު ޝިމްހާގް ކުރެހި ސިންގާއެއްގެ ޑިޖިޓަލް ކުރެހުމެއް މަޝްހޫރު ލަވަކިޔުންތެރިޔާ އާރަން ކާޓާ އަމިއްލަ އެއްޗެއް ގޮތުގައި ބޭނުންކޮށް އޭގެ ވިޔަފާރި ނަފާ ހޯދަން މަސައްކަތްކުރާކަން ފަޅާއެރި ހިސާބުންނެވެ.

2014 ގައި ޝިމްހާގް ކުރެހި "ކޮސްމިކް ލަޔަން" މި މަސައްކަތް އިންސްޓަގްރާމްގައި އާރަން ޝެއާ ކޮށްފައިވާކަން ފަޅާއަރާ ސޯޝަލް މީޑިއާގައި ދަނީ އާރަން ކާާޓާ ވައްކަން ކުރިކަމަށް ބުނެ އޭނާއަށް ފާޑު ކިޔަމުންނެވެ. ޝިމްހާގް ވަނީ އާރަން ކާޓާގެ ޓްވީޓް ރިޓްވީޓްކޮށް އެއީ އޭނާގެ މަސައްކަތެއް ކަމަށް ބުނެ އާރަންއަށް ރައްދު ދީފައެވެ.

ނަމަވެސް ޝިމްހާގުގެ ރައްދައް ރައްދު ދެއްވަމުން އާރަން ކާޓާ ބުނެފައިވަނީ އޭނާ އެ ފޮޓޯ ގަނެ އަދި އެ ބަދަލުކޮށް އިތުރު ކުލަތަކެއް ލައިގެން ފުރިހަމަ ކޮށްފައިވާ ކަމަށެެވެ. އަދި އާރަން ވަނީ ޝަޓާ ސްޓޮކް އިން އޭނާ އެ ފޮޓޯ ގަތް ކަމަށް ބުނާ ރަސީދުކޮޅެއް ޓްވީޓް ކުރުމަށްފަހު އިރުކޮޅެއް ނުވަނީސް ޑިލީޓްކޮށްފައެވެ. އެ ރަސީދުގައި ވަނީ ޝަޓާ ސްޓޮކް އިން 29 ޑޮލަރަށް އޭނާ އެ ކުރެހުން ގަތްކަމަށް ބުނެފައެވެ. އަދި ހަޑި ހުތުރު ބަހުން އެއްޗެހި ވެސް ގޮވާފައެވެ.

އާރަން އިންސްޓަގްރާމަށް ލި ސިންގާގެ ކުރެހުން ވެސް މިހާރު ވަނީ ޑިލީޓްކޮށްފައެެވެ. އަދި ރަސީދުކޮޅާއެކު ކުރި ޓްވީޓް ވެސް ވަނީ ޑިލީޓްކޮށްފައެވެ. ޝިމްހާގު ވަނީ އާރަން އޭނާގެ އަމިއްލަ ދިފާއުގައި ވާހަކަ ދައްކާނަމަ، މީހުންނަށް ގަބޫލުކުރެވޭ ކަހަލަ އަގެއް ފެންނަ ރަސީދުކޮޅެއް ލުމަށް ބުނެފައެވެ.

ޝިމްހާގުގެ ފޮޓޯ ގަތްކަމަށް ބުނެ އާރަން ކާޓާ ޓްވިޓާއަށް ލި ރަސީދުކޮޅު. އާރަން ވަނީ މި ޓްވީޓް ފަހުން ޑިލީޓްކޮށްފައި

އާރަން އެ ކުރެހުން ގަނެ ބަދަލުތަކެއް ގެނައިކަމަށް ބުނި ވާހަކައަށް ޝިމްހާގު ރައްދު ދީފައިވެއެވެ. "ކަލޭތީ ކާކު؟ އަހަންނަކަށް ކަލޭތީ ކާކުކަމެއް ނޭނގޭ އިއްޔެއާ ހަމައަށް. ގޫގަލް ކޮށްގެން އެއްޗެހި ނަގައިގެން ޓަޗްއަޕްކޮށްގެން އެއީ އަމިއްލަ އެއްޗެހިކަމަކަށް ނުހެދޭނެ. އެކަން ގަބޫލުކުރަން ޖެހޭ އަމިއްލައަށް. އަސްލު އާޓިސްޓް މިހުރީ ކަލެޔޭ ހަމައަށް އައިސް" މަޝްހޫރު އާރަން ކާޓާ އަށް ޝިމްހާގު ރައްދު ދެމުން ބުނެފައިވެއެވެ.

ޝިމްހާގުގެ ފޮޓޯ ވަގަށް ނަގައިގެން އަމިއްލަ އެއްޗެއްގެ ގޮތުގައި ބޭނުންކުރި މައްސަލައިގައި ގިނަ އަދަދެއްގެ ދިވެހިން ވެސް ދަނީ އާރަން އަށް ފާޑުކިޔަމުންނެވެ. ނަމަވެސް އެންމެންގެ ވާހަކަތަކަށް ހަޑި ހުތުރު ބަހުން ރައްދު ދެއްވަމުން އާރަން ދަނީ އަދިވެސް އޭނާގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.