ގއ. ދާންދޫ ގައި ބާއްވާ 'ގއ. އަތޮޅު ލީގު - ޒަމާނީ ބަށިބޯޅަ މުބާރާތް 2019'ގެ ފައިނަލް މެޗު ހުއްޓުވުމަށް ކޯޓު އަމުރެއް ނެރެފިއެވެ.

މިއަދު 3:00 ގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލް މެޗު ކުރިއަށް ނުގެންދިއުމަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރުނީ، މި މުބާރާތުގެ ފައިނަލް މެޗާ ހަމައަށް ދިޔައިރު މި މުބާރާތުގައި ކުޅުނު ޓީމަކާއި މި މުބާރާތް އިންތިޒާމް ކުރާ ފަރާތާ ދެމެދު ހިތްނުތަނަވަސް ވުމެއް އޮތުމުގެ ސަބަބުންނެވެ.

މި މުބާރާތުގެ ފައިނަލް މެޗު ހުއްޓުވުމަށް މުބާރާތް އިންތިޒާމް ކުރާ، ދާންސޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ކޮމިޓީން 'ބަށިބޯޅަ ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް' ގެ މައްޗަށް ނިލަންދޫ ކޯޓުން އަމުރު ނެރުނީ މި މުބާރާތުގައި ކުޅުނު ޓީމާއި، މުބާރާތް އިންތިޒާމް ކުރާ ފަރާތާ ދެމެދު އޮތް މައްސަލަ ހައްލު ކުރެވެންދެނެވެ.

ނިލަންދޫ ކޯޓުން ވަނީ މި ކޯޓު އަމުރު ތަންފީޒު ކުރުމަށް ފުލުހުންނަށް ވެސް އަންގާފައެވެ. އެގޮރުން މި ކޯޓު އަމުރު ލިބުމާއި ގުޅިގެން ފުލުހުން ވަނީ ދާންދޫ ކައުންސިލާއި މަޝްވަރާ ކޮށްފައެވެ. އަދި އެރަށު ކައުންސިލުން ވަނީ މި ކޯޓު އަމުރަށް އިހްތިރާމް ކުރާނެ ކަމުގެ ޔަގީންކަން ދީފައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މައްސަލަ ސުލްހަވެރިކަމާއި އެކު ހައްލު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.