15 ދުވަހުގެ ތެރޭގައި ބިން ހަވާލުކޮށް، މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށް ނިއުޕޯޓު ވިއު ހިންގާ ކުންފުނި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް، އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅައިފިއެވެ.
ސްޓްރާޑާ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އެ ކުންފުނިން ކުއްޔަށް ހިފާފައިވާ ބިމުގައި ފްރެންޗައިޒް ބްރޭންޑް 'ޗާޓައިމް' ގެ ނަމުގައި ފިނި ބުއިން ވިއްކާތަނެއް ހަދާފައި ވަނިކޮށް، އެތަން ހުޅުވިތާ 6 މަސް ނުވަނީސް ރިންގްރޯޑް ތަރައްގީ ކުރުމަށް އެތަން ދައުލަތަށް ދީފައިވާ ކަމަށެވެ. އަދި 'ޗާޓައިމް' ރާއްޖެ ގެނެސް، އެތަން ހިންގުމަށް އެ ކުންފުނިން ކުރި އިންވެސްޓްމަންޓްގެ ބަދަލު ދައުލަތުން ދީފައި ނުވާ ކަމަށާއި، ދައުލަތުގެ ބޭނުމަށް އެ ކުންފުނިން ހިފައިފައިވާ ބިމުން ބައެއް ނަގާފައި ވާއިރު، ބިމުގެ ކުއްޔަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.
ސްޓްރާޑާ އިން ބުނީ، ދައުލަތުގެ ބޭނުމަށް އެ ކުންފުނިން ހިފައިފައިވާ ބިމުން ބައެއް ނަގާފައިވާއިރު، އެ ބިން ނެގީ ކޯޓު ހުކުމެއް ނުވަތަ ކޯޓެއްގެ އަދުލުވެރި ބަހަކާއި ނުލާ ކަމަށް ވުމަކީ ގާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އާ ހިލާފުވާ ކަމެއް ކަމަށެވެ. އަދި ސިވިލް ކޯޓުން މިދިޔަ ބްރާސްފަތި ދުވަހު އެ ކުންފުނީގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ގާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އާ ހިލާފަށް އެ ކޮށްފައިވާ އަމަލުތަކުގެ ސަބަބުން އެ ކުންފުންޏަށް ލިބުނު ގެއްލުމަށް ރިއާޔަތްނުކޮށް ކޮށްފައިވާ ހުކުމެއް ކަމަށެވެ.
ސިވިލް ކޯޓުން މިދިޔަ ބްރާސްފަތި ދުވަހު ސްޓްރާޑާގެ މައްޗަށް ކޮށްފައިވާ ހުކުމް އެކުންފުނިން މިއަދު ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައިވަނީ ދައުލަތުން އެ ކުންފުންޏަށް ދޭން ޖެހޭ ބަދަލު ހޯދުމަށް ކަމަށް ބުނެއެވެ.
މީގެ އިތުރުން ސްޓްރާޑާ އިން ބުނީ، އެ ކުންފުންޏަށް ބިމުގެ ކުލި ނުދެއްކުނީ 'ޗާޓައިމް'ގެ ވިޔަފާރި ހުއްޓުމަކަށް އައުމުން، އެ ކުންފުންޏަށް ލިބެމުން އައި އާންދަނީ ހުއްޓުމުން ކަމަށާއި، ދައުލަތުން އެ ކުންފުންޏަށް ދޭން ޖެހޭ ބަދަލު ނުދިނުމުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބްރިޖް ވިއުއިން ޕްލެޓް ފޯމް ތަރައްގީ ކުރުމަށް އެ ކުންފުންޏަށް ކްރެޑިޓަށް ކޮންސްޓްރަކްޝަން ސާމާނު ދޫކުރި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި، އެތައް މުވައްޒަފުންގެ މުސާރަ ނުދެވި ކުންފުނި ވަނީ މާލީ ގޮތުން އަނދަވަޅަކަށް ވެއްޓިފައި ކަމަށެވެ.