އދގެ 74 ވަނަ އާންމު މަޖިލީހުގެ އިސްވެރިންގެ ބައްދަލުވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ދެއްވި ތަގުރީރަކީ ލިބިވަޑައިގެންނެވި ރަނގަޅު ފުރުސަތެއްގެ ބޭނުން ނާޖައިޒު އަދި ނަހަމަ ގޮތުގައި ހިއްޕަވައިގެން ދެއްވި ތަގުރީރެއް ކަމަށް ބުނެ އިންޑިއާއިން އދގައި ޕާކިސްތާނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފިއެވެ.

ކަޝްމީރުގެ މައްސަލައާއި ގުޅިގެން އިންޑިއާގެ ސަރުކާރާ ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް ބޮޑެތި ފާޑުވިދާޅުންތަކެއް އަމާޒުކުރައްވާ އިމްރާން ރޭ ކުރެއްވި ތަގުރީރަށް އިންޑިއާގެ ފަރާތުން ދިން ރައްދުގައި، އދގެ އާންމު މަޖިލީހުގައި އިންޑިއާ ތަމްސީލުކުރައްވަމުން ގެންދަވާ މަންދޫބު އަދި އިންޑިއާ ހާރިޖިއްޔާގެ ފަސްޓް ސެކްރެޓަރީ ވިދީޝާ މައިތްރާ ވިދާޅުވީ، "ލޭ އޮހުރުވުމާ، ނަސްލީ ބާރުވެރިކަމާ، ބަޑި ނެގުމަށާ، ނިމުން ގެންނަން ހަނގުރާމަކުރުން" ފަދަ ލަފުޒުތަކަކީ އދގެ އާންމު މަޖިލީހުން މަދުން ނޫނީ ނުއިވޭ ލަފުޒުތަކެއް ކަމަށެވެ.

އިންޑިއާއަށް ލިބިފައިވާ ޖަވާބުދާރީ ވުމުގެ ހައްގުގެ ބޭނުން ހިއްޕަވާ ވާހަކަފުޅު ދައްކަވަމުން މައިތްރާ ވިދާޅުވީ، އިމްރާންގެ އަމަލަކީ 21 ވަނަ ގަރުނުގެ ތަސައްވުރަށް ފެތޭ ސިކުނޑިއަކުން ހިންގާނެ އަމަލެއް ނޫންކަމަށާ، އެއީ ބޯދާ ސިކުނޑިއެއްގެ އަމަލުތަކެއް ކަމަށެވެ.

މިމޭރުމުން އިމްރާނަށް ފާޑުވިދާޅުވުން ކުރިއަށް ގެންދަވަމުން މައިތްރާ ވިދާޅުވީ، އިމްރާންގެ ތަގުރީރަކީ އދގައި ބައިބައިކުރުންތައް އުފެއްދުމަށް މަގުފަހިކުރާ ތަގުރީރެއް ކަމަށެވެ. އަދި އެ ތަގުރީރަކީ ފަރަގުތައް ވަކިން ފާހަގަކޮށް، ނަފުރަތު އުފެއްދެވުމަށް އިމްރާން ދެއްކެވި ވާހަކަފުޅުތަކެއް ކަމަށްވެސް މައިތްރާ ވަނީ ސިފަކުރައްވާފައެވެ.

ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ބޭނުންކުރައްވަން ޖެހިވަޑައިގެންފާނެ ކަމަށް ވިދާޅުވެ އިމްރާން ދެއްވި އިންޒާރުން އަންގައިދެނީ އޭނާއަކީ ދައުލަތެއްގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅެއްގެ ފެންވަރު ނޫންކަމަށާ، ޓެރަރިޒަމަށް ދެއްކެވި ހުއްޖަތަކީވެސް ލަދުކުޑަ އަދި ނަފުރަތު އަންދަނިވި ހުއްޖަތެއް ކަމަށް ވިދާޅުވެ މައިތްރާ ވަނީ އިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިމޭރުމުން އިމްރާންނަށް ފާޑުވިދާޅުންތައް އަމާޒުކުރައްވަމުން އިންޑިއާގެ އޮފިޝަލު ވަނީ އިމްރާނަށް ސުވާލުތަކެއްވެސް ކުރިމަތިކުރައްވާފައެވެ. އެގޮތުން ޕާކިސްތަނަކީ އދއިން ކަނޑައަޅާފައިވާ 130 ޓެރަރިސްޓުންނާ 25 ޓެރަރިސްޓް ޖަމާއަތެއްގެ ވަޒަން ކަން ކަށަވަރުކޮށްދެއްވަން އިމްރާނަށް ކެރިވަޑައިގަންނަވާނެތޯއާއި، ޕާކިސްތާނަކީ އދ އިން ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތަކަށް ޕެންޝަން ދޭ ހަމައެކަނި ގައުމުކަން ބަޔާންކޮށްދެއްވަން ކެރިވަޑައިގަންނަވާނެތޯއާއި، އެމެރިކާގައި ހިންގާ ހަބީބް ބޭންކުގެ ގޮފިން ޓެރަރިޒަމަށް ފަންޑުކުރުމުގެ ކުށުގެ ތުހުމަތުގައި އެ ގޮފި ބަންދުކުރަންޖެހުނީ ކީއްވެކަން ތަފްސީލުކޮށްދެއްވަން ކެރިވަޑައިގަންނަވާނެތޯއާއި، ޚުދު އެމަނިކުފާނަކީ އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިންގެ ސަޕޯޓަރެއް ނޫންކަމަށް ވިދާޅުވާން ކެރިވަޑައިގަންނަވާނެތޯ މައިތްރާ ވަނީ އިމްރާނަށް ސުވާލުކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން މައިތްރާ ވިދާޅުވީ، ޕާކިސްތާނުން ދަނީ އިންސާނީ ހައްގުތަކުގެ ޗެމްޕިއަންގެ ކާޑު ކުޅެމުން ކަމަށެވެ.

އދގެ 74 ވަނަ އާންމު މަޖިލީހުގެ އިސްވެރިންގެ ބައްދަލުވުމުގައި އިމްރާން ކުރެއްވި 40 މިނެޓްގެ ދިގު ތަގުރީރުގެ 20 މިނެޓް ހާއްސަކުރެއްވީ ކަޝްމީރުގެ މައްސަލައަށް ކަމުގައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ 15 މިނެޓްގެ ތަގުރީރުގައި ކަޝްމީރާއި ޕާކިސްތާނުގެ ނަންވެސް ވިދާޅުވެފައެއް ނުވެއެވެ.