ކުރީގެ ރައީސް އަބުﷲ ޔާމީންގެ ސަރުކާރުގައި އިންޑިއާގެ އެމްއެމް އެކްސްޕޯޓްސް އަށް ކޮރަޕްޝަންގެ ތެރެއިން މަޝްރޫއުތަކެއް ހަވާލުކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައި ވަނިކޮށް، މި ސަރުކާރުން ވެސް ވަނީ އެ ކުންފުންޏާ ގިނަ ޕްރޮޖެކްޓު ތަކެއް ހަވާލުކޮށްފައެެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފްސީލުން ދައްކާ ގޮތުން، މިއަހަރުގެ މިހާތަނަށް ސަރުކާރުގެ އަށް މަޝްރޫއެއް އެމްއެމް އެކްސްޕޯޓްސްއާ ހަވާލު ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހަ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަޝްރޫއު އަދި އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަޝްރޫއުތައް ހިމެނެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެމްއެމް އެކްސްޕޯޓްސްއާ މިއަހަރު މިހާތަނަށް ހަވާލު ކޮށްފައިވާ މަޝްރޫއުތަކުގެ ޖުމްލަ އަގު 137.8 މިލިއަން ރުފިޔާއަށް އަރައެވެ. މި ކުންފުންޏަކީ ރާއްޖޭގައި އިއުލާން ކުރާ ގިނަ ޕްރޮޖްކްޓްތަކަށް ބިޑް ކުރާ ކުންފުންޏެކެވެ.

އެމްއެމް އެކްސްޕޯޓްސް އިން މަޝްރޫއުތައް ހިންގަނީ އަގު ބޮޑުކޮށް ކަމަށާއި އެ ކުންފުންޏަށް ބިޑްތައް ކާމިޔާބު ކުރެވެނީ ކޮރަޕްޝަނުގެ ތެރެއިން ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުން ދާއިރު، ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުގެ މަޝްރޫއުތައް އެ ކުންފުންޏާ ހަވާލު ކުރަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް ބުނެފައެވެ.

އިންޑިއާގެ އެމްއެމް އެކްސްޕޯޓްސް އަށް މިފަހުން ހަވާލުކުރި އެމްބިއުލާންސް ފޯރުކޮށް ދިނުމުގެ މަސައްކަތް އެ ކުންފުންޏަށް ދިނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް ބުނެ ޝައްކު އުފައްދަމުން ދާއިރު، އެ ބިޑްގައި ވާދަކުރި އޭޑީކޭއިން ވަނީ އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައެވެ. އެގޮތުން، އޭޑީކޭއިން އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނީ، އެމްއެމް އެކްސްޕޯޓްސް އަށް މަސައްކަތް ހަވާލުކުރީ އެންމެ ބޮޑު އަގު އެމްއެމްއެކސްޕޯޓުން ހުށަހަޅާފައި ވަނިކޮށް ކަމަށް ބުނެއެވެ.

"ދަޕްރެސް" އަށް ލިބިފައިވާ ލިޔުމަކުން އެނގޭ ގޮތުގައި، އެމްބިއުލާންސް ގެނައުމަށް އޭޑީކޭން 7.9 މިލިއަން ހުށަހަޅާފައި އޮއްވާ އެމްއެމް އެކްސްޕޯޓަށް ދިނީ 8.7 މިލިއަން ރުފިޔާއަށެވެ. އަދި އެމްއޯ ޓްރޭޑިން ކިޔާ ކުންފުންޏަކުން ހުށަހަޅާފައި އޮތް އަގު ވެސް އެމްއެމް އެކްސްޕޯޓަށް ވުރެ ކުޑައެވެ.

އިންޑިއާގެ އެމްއެމް އެކްސްޕޯޓްސް އިން ރާއްޖޭގެގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރޭގައި ހުޅުމާލޭގައި އަލަށް އިމާރާތްކުރި ރަށު މާރުކޭޓާއި ދެވަނަ ފިޔަވަހީގެ މަގުތަކުގެ މަސައްކަތް ހިމެނެއެވެ. ނަމަވެސް އެ މަޝްރޫއުތަކުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް ބައެއް މައްސަލަތައް ވަނީ އޭސީސީއަށް ހުށަހަޅާފައެވެ.