އިންސްޓަގްރާމް އެކޭ އެއްގޮތަށް، ޕޯސްޓަށް ލައިކު ދީފައިވާ އަދަދު ފޮރުވައިފައި އޮންނަ ގޮތް ހެދުމުގެ އަމަލީ މަސައްކަތް ފޭސްބުކް އިން ފަށައިފިއެވެ.

ތަހުލީލީ މަރުހަލާއެއްގައި މި ފީޗާ ތައާރަފު ކުރެވިގެން ދަނީ އޮސްޓްރޭލިއާއަށެވެ. އެގޮތުން މިއަދުން ފެށިގެން އޮސްޓްރޭލިއާގައި ފޭސްބުކް ބޭނުންކުރާ ބައެއް ފަރާތްތަކަށް، އެހެން މީހުންގެ އެކައުންޓްތަކުން ކޮށްފައިވާ ޕޯސްޓްތަކަށް ލައިކް ލިބިފައިވާ މިންވަރު ނުފެންނާނެ ކަމަށް ވެއެވެ. ލައިކްގެ އިތުރުން އެހެން ރިއެކްޝަންތަކަށްވެސް މިކަން ތަންފީޒުކުރެވިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އިންސްޓަގްރާމްއިން ދަނީ މިފަދަ ފީޗާއެއް މިދިޔަ ޖުލައި މަހުން ފެށިގެން ބައެއް ގައުމުތަކުގައި ޓެސްޓުކުރަމުންނެވެ.

އަލަށް ތައާރަފުކުރާ ބަދަލާއެކު އެހެން މީހުންގެ ޕޯސްޓުތަކަށް ލިބޭ ލައިކްގެ އަދަދު ނުފެނުނު ކަމުގައި ވީ ނަމަވެސް، އެމީހެއްގެ އެކައުންޓުން ކޮށްފައިވާ ޕޯސްޓުތަކަށް ލައިކް ލިބޭ މިންވަރު އެނގެނޭނެއެވެ.

ފޭސްބުކް ކުންފުނިން ބުނީ، އެހެން މީހުންގެ ޕޯސްޓުތަކަށް ލައިކް ލިބިފައިވާ މިންވަރު ފޮރުވުމަށް އެކުންފުނިން އަމާޒު ހިފާފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމުގެ ޒަރިއްޔާއިން ކުރިމަތިވާ ޕްރެޝަރު ކުޑަކުރުމުގެ ނިޔަތުގައެވެ. އަދި މިކަން މިހެން ކުރުމުން އަމިއްލަ މީހާގެ ޕޯސްޓްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މީހުން މަސައްކަތްކުރާ މިންވަރު އިތުރު ކުރުމަކީވެސް ފޭސްބުކް ކުންފުނީގެ މަގުސަދެކެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން އަޅަމުންދާ މިފަދަ ފިޔަވަޅުތަކަކީ ނަފްސާނީ ބަލީގެ ތަޖުރިބާކާރުންގެ ތާއީދު ލިބިފައިވާ ފިޔަވަޅުތަކެއް ނަމަވެސް، ބޮޑެތި ކުންފުނިތަކުން ދަނީ މިކަމުގެ ސަބަބުން ވިޔަފާރި މާކެޓްކުރުމުގެ އުކުޅުތަކަށް ހުރަސް އެޅޭކަމަށް ބުނެ އެކަމާ ނުރުހުންފާޅުކުރަމުންނެވެ.