އެއްވެސް މުވައްޒަފަކު ވަޒީފާއިން ކަނޑާލާނެ ކަމުގެ ބިރު ދައްކާފައި ނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު ކަނޑާލާނެ ކަމުގެ ބިރު ދައްކާފައި ނުވާނެ ކަމަށް އެ މިނިސްޓްރީން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމަކަށް ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކައާ ގުޅިގެންނެވެ.
އެ މިނިސްޓްރީން ބުނީ މުވައްޒަފުންނަށް ވަޒީފާގެ ބިރު ނުދެއްކިޔަސް ހާޒިރީ އިން ފަރުވާ ކުޑަ ކަމަށް ފާހަގަ ކުރެވޭ މުވައްޒަފުންނާ މެދު އަމަލު ކުރެވޭނީ ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށެވެ.
އެ މިނިސްޓްރީން މިފަދައިން ބުނެފައި ވާއިރު، ވަޒީފާގެ ބިރު ދައްކާކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޓްރާންސްޕޯޓް އޮތޯރިޓީގެ 46 މުވައްޒަފެއް ސޮއިކޮށްފައިވާ ސިޓީއެއް ރައީސް ސޯލިހަށް މިހާރު ވަނީ ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ، އެ ސިޓީ ރައީސަށް ފޮނުވީ ޓްރާންސްޕޯޓް އޮތޯރިޓީގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ކަނޑާލުމުގެ ނިޔަތުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބި، އެކަމާ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމާއެކު ކަމަށެވެ. އަދި ކަނޑާލާ މުވައްޒަފުންގެ ލިސްޓެއް އޮތް ކަމުގެ މައުލޫމާތު ފުރަތަމަ ލިބިފައިވަނީ މިދިޔަ ޖުލައި މަހުގެ އަށެއްގައި ކަމަށް ބުނެފައިވެއެވެ.
އަދި މި މައްސަލައިގައި ޕާމަނަންޓް ސެކްރެޓަރީއާ ބައްދަލުކުރުމުން، މުވައްޒަފުންތަކެއް ކަނޑާލަން އުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ ރަނގަޅު ވާހަކައެއް ކަމަށާއި، އެ ލިސްޓް ސިވިލްސާވިސްގެ ލަފަޔަކަށް އެދި ފޮނުވާފައިވާ ކަމަަށް ބުނެފައިވާކަމަށް މި ސިޓީގައި ބުނެފައިވެއެވެ. އަދި އެ މައްސަލައިގައި މުވައްޒަފުންނަށް އެދެވޭ ޖަވާބެއް ލިބިފައި ނުވާކަމަށް ވެސް ބުނެފައިވެއެވެ.
ޢެ ސިޓީގައި ޓްރާންސްޕޯޓްގެ މުވައްޒަފުން ބުނެފައިވަނީ ކަނޑާލާ ލިސްޓްގައި ހިމެނޭ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނަގާފައިވާ ނުކުތާއަކީ ގަޑިޖެހޭ މައްސަލަ ކަމަށާއި، ނަމަވެސް މީގެ ކުރިން މުވައްޒަފުން ގަޑިޖެހިގެން އަނގަބަހުން ވެސް އަދިި ލިޔުމުން ވެސް އިންޒާރު ދީފައި ނުވާކަމަށް ބުނެފައިވެއެވެ. އަދި އިސްލާހުވުމުގެ ފުރުސަތު ނުދީ މިފަދަ ބޮޑު ފިޔަވަޅެއް އެޅުމަކީ އެއްވެސް އިންސާފެއް ހުރިކަމެއް ނޫން ކަމަށާއި، އުއްމީދަކީ ރައީސް ސޯލިހުގެ ވެރިކަމުގައި ހައްގަކާ ނުލައި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރުން ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ރައީސާ ބައްދަލުކުރުމަށް ވެސް އެދިފައިވެއެވެ.