ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ވ. އަތޮޅުގައި ބާއްވާ "ޖަޒީރާ ކެނޯ ރޭސް" ފަށައިފިއެވެ.

ޖަޒީރާ ކެނޯ ރޭސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ކެނޯ ރޭސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނައިބު ރައީސް ވ. ކެޔޮދުއަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހުއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވަނީ ރާއްޖެއަށް ފަތުރުވެރިން އައުމުގެ މައިގަނޑު ދެ ބޭނުމެއް އޮންނަ ކަމަށާއި އެއީ ރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ރައްޔިތުން ހިނިތުންވުމާއެކު އަދާކުރާ މެހެމާންދާރީ ކަމުގައި ވިދާޅުވެފައެވެ. އަދި ނަިއބު ރައީސް ވަނީ ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި ރަށްތަކުގެ ރީތިކަމާއި ރައްޔިތުން ހިނިތުންވުން އެގޮތުގައި ދަމަހައްޓައި ދިނުމަށް އެދިވަޑައިގެންނެވިއެވެ.

ޖަޒީރާ ކެނޯ ރޭސް ފެއްޓުމަށް ކެނޯތައް ތައްޔާރުކޮށްފައި

މީގެ 27 އަހަރުކުރިން އެމަނިކުފާނު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރެއްވި ދުވަސްވަރުގެ ހަނދާންތައް އާ ކުރައްވައި، ނައިބު ރައީސް ވަނީ، ރާއްޖޭގައި ފަތުރުވެރިކަން އެންމެފުރަތަމަ ފެށިގެން އައި ދުވަސްވަރު މި ސިނާއަތުގައި ހަރަކާތްތެރިވި ފަރާތްތަކާއި މިއަދާ ހަމައަށް މިސިނާއަތް ތަރައްގީކޮށް ގެނެސްދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ޖަޒީރާ ކެނޯރޭސް ފެށުމުގެ ގޮތުން ފުރަތަމަ ބާއްވާފައި ވަނީ އަންހެން ޓީމުތަކުގެ ކެނޯ ރޭހެވެ. ރޭސް ފެށުމުގެ ގޮތުން އަންހެން ޓީމުތައް ވަނީ ކެނޯގައި ވ. ފެލިދުއަށް ދަތުރުކޮށްފައެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހެވެ.