ބ. ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓުން ފުރަންދާ ފަތުރުވެރިން އަތުން އަތުލި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ދަރަވަންދޫ ޕޮލިސް ޑެސްކުގެ ބެލުމުގައި ދަށުގައި ތިބި ބަނގުރާ އިއްޔެ ދަރަވަންދޫ ކުނިގޮނޑު ސަރަހައްދުގައި ނައްތާލާފައިވާއިރު، ނައްތާލި ތަކެތީގެ ތެރޭގައި 138 ފުޅި ބަނގުރަލާއި، 6 ފުޅި ބިޔަރު އަދު 64 ދަޅު ބިޔަރު ހިމެނެއެވެ. އިއްޔެ ނައްތާލާފައިވަނީ މިދިޔަ ޖޫން މަހު 1 ވަނަ ދުވަހުން ފެށިގެން ޖުލައި 31 ވަނަ ދުވަހާއި ހަމަށް ދަރަވަންދޫ އެއާޕޯޓުން ފަތުރުވެރިން އަތުން އަތުލި ތަކެތި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، މިތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެހި ނައްތާލުނުގައި އަމަލުކުރަނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި، ބަނގުރާ ފަދަ ތަކެތީގެ ތެރެއިން ޝަރީއަތަށް ކޮންމެހެން ބޭނުންވާ ތަކެތި ފިޔަވައި އެހެން ހުރިހާ އެއްޗެއް ފުލުހުން ދަނީ އެކި ދުވަސް މަތިން ނައްތާލަމުންނެވެ. މީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ވެސް ދަނީ އެ ސާވިސަސްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި އެކި ދުވަސް މަތިން ނައްތާލަމުންނެވެ.