ދިނުމަށް ރާވަމުންދިޔަ ކަމުގެ ތުހުމަތުގައި 16 މީހަކު ހައްޔަރުކޮށްފައިވާކަމަށް މެލޭޝިއާގެ ފުލުހުން ހާމަކޮށްފިއެވެ.
މެލޭޝިއާ ފުލުހުންގެ ކައުންޓާ-ޓެރަރިޒަމް ޑިވިޝަންގެ އިސް އޮފިޝަލެއް ކަމަށްވާ ޢައްޔޫބް ހާން މައިދީން ޕިޗޭ ވިދާޅުވީ، ހައްޔަރު ކުރި މީހުންގެ ތެރޭގައި އިންޑޮނޭޝިއާގެ 12 މީހަކާ، މެލޭޝިއާގެ 3 މީހެއްގެ އިތުރުން އިންޑިއާގެ ރައްޔިތަކު ހިމެނޭ ކަމަށެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ ވެރިރަށް ކުއާލަ ލަމްޕޫރުންނާ ބޯނިއޯ ސްޓޭޓުން ކަމަށްވެސް އޮފިޝަލު ވަނީ ހާމަކުރައްވާފައެވެ.
ޢައްޔޫބު ހާން ވިދާޅުވީ މިމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. މިމީހުންނަކީ ސިޔާސީ ޝަހްސުތަކެއްގެ އިތުރުން މުސްލިމު ނޫން ޖަމާއަތްތަކަކަށް ހަމަލާދިނުމަށް ރާވަމުންދިޔަ ބައެއް ކަމަށްވެސް އޮފިޝަލު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިމީހުންނަކީ މި އޮޕަރޭޝަން ހިންގުމަށްޓަކައި ސޯޝަލް މީޑިއާ ވިއުގާ މެދުވެރިކޮށް މި ނެޓްވާކަށް މެލޭޝިއާއާއި އިންޑޮނޭޝިއާއިން އިތުރު މީހުން ރެކްރޫޓުކުރުމަށް މަސައްކަތްކުރަމުންދިޔަ މީހުންކަންވެސް ޢައްޔޫބު ހާން ވަނީ ފާހަގަކުރައްވާފައެވެ.
ޚަބަރު ލިބޭ ގޮތުގައި މެލޭޝިއާއިން ހިފަހައްޓާފައިވާ އުމުރުން 38 އަހަރުގެ އިންޑިއާ އަންހެން މީހާއަކީ އައިސިސްއަށް ފަންޑު ހޯދާދެމުންދިޔަ މީހެކެވެ.
މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކޮށްފައިވާ މީހުންނަކީ މީގެ ކުރިން މެދުއިރުމައްޗަށް ދަތުރުކޮށްފައިވާ ބައެއްކަން ނުވަތަ ނޫންކަން އަދި ކަށަވަރުވާ ގޮތެއް ނުވެއެވެ.
މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، އައިސިސްއާއި ގުޅުމަށް އެގައުމު ދޫކޮށް ދިޔަ މީހުންގެ އަދަދު 102 އަށް އަރައެވެ. މީގެ އިތުރުން އިންޑޮނޭޝިއާއިންވެސް އެތައް ސަތޭކަ ބަޔަކު އައިސިސްއާއި ގުޅުމަށް ސޫރިޔާއާއި އިރާގަށް ދަތުރުކޮށްފައިވާކަމަށް ބެލެވޭކަމަށް ޚަބަރު ލިބެއެވެ.
ހަނގުރާމަވެރިންނާ ގުޅުން އޮންނަ ކަމުގެ ކުށުގެ ތުހުމަތުގައި މެލޭޝިއާއިން މީގެ ކުރިންވެސް ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ. މެލޭޝިއާއަށް އައިސިސްގެ ފުރަތަމަ ހަމަލާ އަމާޒުވީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މެލޭޝިއާގެ ނައިޓް ކުލަބަކަށް އަމާޒުކޮށްދިން މި ހަމަލާގައި 8 މީހަކު ވަނީ ޒަހަމްވެފައެވެ.