އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ސޮއިކުރެވުނު ކޮޗިން-ކުޅުދުއްފުށި ފެރީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދ. ގެ އާއްމު މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި މިވަގުތު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެން ހުންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު، އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތް ކުރިއަށް ދެ މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމުގެ މައުލޫމާތު ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ދެއްވާފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިވަގުތު ވެސް ރާއްޖެއިން އިންޑިއާގެ ފަސް މަންޒިލަކަށް ވައިގެ ދަތުުރުކުރަމުންދާ ކަމަށާއި، ކުރިއަށް އޮތްތާގައި އިތުރު މަންޒިލްތަކަށް އުދުހުންތައް އިތުރުވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ އިރު، ރާއްޖެ އަންނަ އިންޑިއާގެ ފަތުރުވެރިންގެ އުޅެނީ ތިން ވަނައިގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު މިއުޅެނީ 100 ޕަސެންޓް މައްޗަށް އަރާފައި. މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވުމެއްގައި ވާނެ ސޮއިކޮށްފައި ކަނޑުމަގުން އިންޑިއާ އަދި ރާއްޖެއަށް ދަތުރުކުރެވޭނެ ގޮތަށް. އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ވަނީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކޮޗިން-ކުޅުދުއްފުށީ ފެރީތަކުގެ ދަތުރުތައް ފަށާނެ ކަމަށް ވިދާޅުވެފައި،"
ޝާހިދު

މިއީ ރާއްޖެއާއި ބޭރުގެ ގައުމަކާ ދެމެދު ކަނޑުމަގުން ސީދާ ފެރީ ފަށާ ފުރަތަމަ ފަހަރެވެ. އަދި މިއީ ހަމައެކަނި ދެ ގައުމުގެ ދެމެދު މުދާ އުފުލުމަށް ބޭނުންކުރާ ފެރީއެއް ކަމަށް އިންޑިއާގެ ސަފީރު މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.

އިންޑިއާގެ ސަފީރު ވަނީ ފެރީގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް ވިދާޅުވެ، ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާގެ ޓީމެއް ރާއްޖެ އައިސް ޑީޓެއިލް އެސެސްމެންޓެއް ހަދާ މި މަސައްކަތުގެ ފައިނަލް ރިޕޯޓު ތައްޔާރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.