ޓެކްނޮލޮޖީގެ ދުނިޔެއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން އެމެޒޯން ކުންފިނީގެ ފުރަތަމަ ސްމާޓް އައިނުކަމަށް "އެކޯ ފްރޭމްސް" ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.

އެމެޒޯންއަކީ ސްމާޓް އައިނު ތައާރަފުކުރި ފުރަތަމަ ކުންފުންޏަށް ނުވި ނަމަވެސް، އެކޯ ފްރޭމްސް ފަރުމާކުރުމުގައި އެމެޒޯންއިން ބޭނުންކޮށްފައިވާ ޓެކްނޮލޮޖީއަކީ ގޫގްލް އަދި ސްޕެންއާއިވެސް ނުބައްދަލު ޓެކްނޮލޮޖީއެއް ކަމަށް ބެލެވެއެވެ. ގޫގްލް ގްލާސްއާއި ސްނެޕްޗެޓް ސްޕެކްޓަކްލްސް އާއި ހިލާފަށް އެކޯ ފްރޭމްސްގައި ކެމެރާއެއް ހަރުކޮށްފައެއް ނުހުރެއެވެ. ޑިސްޕްލޭއެއްވެސް ނުހުރެއެވެ. އެކޯ ފްރޭމްސްގެ މައިގަނޑު މަގުސަދަކީ، ކޮންމެހެން ސްމާޓްފޯނާ ނުކުޅެ، އެކެލްސާގެ އެހީ ހޯދޭނެ މަގު ފަސޭހަކޮށްދިނުމެވެ.

އެކޯ ފްރޭމްއަކީ ނަމްބަރު އައިނު އަޅާ ފަރާތްތަކަށްވެސް ހާއްސަކޮށްގެން ފަރުމާކޮށްލެވޭނެ އީޖާދަކަށްވާއިރު، މިއިން އައިނެއްގެ ފެށޭ އަގަކީ އެންމެ 180 އެމެރިކާ ޑޮލަރެވެ. އެކޯ ފްރޭމްސް ތަޖުރިބާކުރި ފަރާތަކުން ބުނި ގޮތުގައި ބަލާބެލުމަށް އާދައިގެ އައިނަކަށްވުރެ މި އައިނު ބޮޑުކަމަށް ދެއްކި ނަމަވެސް، ބަރުދަނުގައި ތަފާތެއް ނެތެވެ.

އެމެޒޯން ކުންފުނިން ފުރަތަމަ ފަހަރަށް ތައާރަފުކުރި ސްމާޓް އައިނު ކަމަށްވާ އެކޯ ފްރޭމްސް/ފޮޓޯ: ބިޒްނަސް އިންސައިޑާ

މިއީ އެމެޒޯން ޑޭ ވަން މަޝްރޫއުގެ ދަށުން އުފައްދާފައިވާ އީޖާދަކަށްވާއިރު، އެކޯ ފްރޭމްސްގެ މާ ގިނަ ފަރުމާތަކެއް ނުހުރެއެވެ. އެންމެ ފަރުމާއެއްގައި މި އައިނު ތައާރަފުކޮށްފައިވަނީ، ކަސްޓަމަރުން އެކޯ ފްރޭމްސް ބޭނުންކުރާ ގޮތްތައް ބަލާ، ދިރާސާކުރުމަށްފަހު ބަދަލު ގެނައުމަށް ކަމަށް ބެލެވެއެވެ.

އެކޯ ފްރޭމްސް އައިނު ބޭނުންކުރަނީ އެލެކްސާއާއި ގުޅާލާ އެހެން ޑިވައިސްތައްވެސް ބޭނުންކުރާ ފަދައިންނެވެ. މި ޑިވައިސް ތަޖުރިބާކުރި ފަރާތަކުން ބުނި ގޮތުގައި، ޖަވާބުވެސް ލިބެނީ ސާފުކޮށެވެ. އެކޯ ފްރޭމްސް ފަރުމާކޮށްފައިވަނީ ސްމާޓްފޯނަށް އަންނަ ނޯޓިފިކޭޝަންތައްވެސް ލިބޭ ގޮތަށެވެ. އެގޮތުން އައިނު ދުނިގަނޑުގައި އަތް ހަކާލުމުން ނޯޓިފިކޭޝަން ހުޅުވޭއިރު، ދުނިގަނޑުގައި ޖަހާލުމުން ނޯޓިފިކޭޝަން ޑިސްމިސްކޮށްލެވެއެވެ.

އެކޯ ފްރޭމްސްގެ އިތުރުން އެމެޒޯން ކުންފުނިންވަނީ އެލެކްސާއާއި ގުޅާލެވޭ އަނގޮޓިއެއްވެސް އެކީ ލޫޕްގެ ނަމުގައި ތައާރަފުކޮށްފައެވެ.