ހ. ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން، އެތާ ކައިރީގައި ހުރި ގެތަކުގައި ރޯވެ، ގެތަކުގައި ތާށިވި މީހުން ސަލާމަތްކުރަން އެމްއެންޑީއެފް ފަޔާ ފައިޓަރުން ވަނީ އަލިފާންގަނޑު ތެރެއިން ލާފައި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

މިހާތަނަށް މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި މަސައްކަތް ކުރި ފަޔާ ފައިޓަރުންނާއި އެހެނިހެން ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކޮށް ތައުރީފް ކުރައްވާ ޝަމާލް ވިދާޅުވީ އެ ރޭ ފަޔާފައިޓަރުން ދެއްކި ހިތްވަރަށް ޝުކުރުވެރިވުން ހައްގު ކަމަށެވެ. އޭނާ ވިދާޅުވީ އަލިފާން ނިއްވައި، ގެތަކުން މީހުން ސަލާމަތް ކުރުމަށް ސިފައިން ހަރަކާތްތެރިވީ އަމިއްލަ ފުރާނައަށް ވުރެ ވެސް އިސްކަން ދީގެން ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި އެ ކަންކަން ވަރަށް ގާތުން ބައްލަވަން ހުންނެވިކަން ފާހަގަކުރައްވާ ޝަމާލް ވިދާޅުވީ އެ މީހުންގެ މަސައްކަތް ފެނިވަޑައިގެންނެވި ކަމަށާ އެއީ ކުރަން އުނދަގޫ، ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ. އަދި އެ ހުރިހާ ގޮންޖެހުންތަކުގެ ތެރެއިން ވެސް ފަޔާ ފައިޓަރުން ދެއްކި ހިތްވަރު ފެނިވަޑައިގެންނެވި ކަމަށް ޝަމާލް ވިދާޅުވިއެވެ.

އަލިފާން ކޮންޓްރޯލް ނުވެ، ތިލަފުށީ ގޭ ގުދަނުގައި ރޯވި އަލިފާންގަނޑު ކައިރީގައި ހުރި ގެތަކަށް ފެތުރި މީހުންގެ ފުރާނައަށް ނުރައްކާވި ވަގުތު ބައެއް ގޭގޭގެ ތިން ވަނަ ބުރި އާއި ހަތަރު ވަނަ ބުރީގައި މީހުން ތާށިވެފައި ތިބި ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި އެ މީހުން ސަލާމަތް ކުރެވެން އޮތީ ހަރުގަނޑެއްގެ އެހީގަައި ކަމަށާ އެކަމަކު އިމާރާތާ ހަރުގަނޑު ކައިރި ކުރަން ވަގުތު ނަގާތީ ފަޔާ ފައިޓަރުންގެ ޓީމުތައް ގެތަކަށް ވަނީ އަލިފާންގަަނޑުގެ ތެރެއިން ލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހެން ވަން 18 ފަހަރު. އެއް ފަހަރު އަލިފާންގަނޑާއި ދުންތަކުގެ ތެރެއިން ކުޑަކުއްޖަކު ގޮވައިގެން ނުކުތް ފަޔާފައިޓަރަކު، އެ ކުއްޖާ ހަވާލު ކުރުމަށް ފަހު ކޮލެޕް ވެސް ވި. ގެ އެއްގެ ތިން ވަނަ ބުރީގައި ތާށިވެފައި ހުރި ކުޑަކުއްޖަކާއި އޭނާގެ މަންމަ، ފަޔާފައިޓަރުން ވަދެ ސަލާމަތް ކުރީ އެ ގޭގެ ސިޓިންރޫމުގައި ވެސް ވަރަށް ބޮޑަށް އަލިފާން ހިފާފައި ހުއްޓާ. ސިޓިންރޫމުގައި ހިފާފައި ހުރި ހުޅުގަނޑު ގޭގެ ކުޑަދޮރުން ބޭރަށް ވެސް ފެންނަން ހުރި. އެކަމަކު ހަމަ އެ ވަގުތު އެ ތަނަށް ވަދެގެން އެ މީހުން ސަލާމަތް ކުރީ،"
ޝަމާލް

ޝަމާލް ވިދާޅުވީ އެވަގުތު އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ވަރަށް ބޯކޮށް އަލިފާންގަނޑު ފެތުރިފައި އޮތް ކަމަށާއި އެތަނުން ވެސް މީހުން ނެރުނީ ސިފައިން ވަދެ އެމީހުން މާސްކު އަޅުވައިގެން އުރާލައިގެން ކަމަށެވެ. އަދި ރޯވެ ބާރަށް އަނދަމުންދާ އިމާރާތެއްގެ ތެރެއިން މީހުން ސަލާމަތްކުރުމަށް ސިފައިން އިމާރާތަށް ވަދެގެން ކުރި މަސައްކަތަކީ އަމިއްލަ ފުރާނައަށް ވެސް ބެލުމެއްނެތި ކުރި ވަރަށް ބޮޑު އަދި އެހާމެ ނުރައްކާތެރި މަސައްކަތެއް ކަމަށް ޝަމާލް ފާހަގަކުރެއްވިއެވެ.

ހެންވޭރުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި މީހުން ސަލާމަތް ކުރުމަށް ގެޔަކަށް ފަޔާ ފައިޓަރުން ވަންނަނީ / ފޮޓޯ: ދަ ޕްރެސް

ޝާމާލް ވިދާޅުވީ މި ހާދިސާގައި ސިފައިންގެ ވަޒީފާއިން ރިޓަޔާކޮށްފައި ތިބި މީހުންގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބުނުކަމަށެވެ. ޝަމާލް ވިދާޅުވީ އަލިފާންގަނޑު ރޯވިތާ މާގިނަ އިރުތަކެއް ނުވަނީސް ސިފައިންނަށް އެ ސަރަހައްދަށް ދެވުނު ނަމަވެސް އަލިފާން ނިއްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިިވި ކަމަށެވެ. އެގޮތުން، މަގުތައް ހަނިވުމާއި މަގުމަތީގައި ޕާކުކޮށްފައިވާ އުޅަނދުތައް ގިނަވެ، މީހުން ތޮއްޖެހިފައި ވުމުން އަލިފާން ނިއްވާ އުޅަނދުތައް އެ ސަރަހައްދަށް ވައްދަން އުނދަގޫވި ކަމަށް ވިދާޅުވިއެވެ.

"ފަޔާފައިޓަރުން އެރޭ ދެއްކި ހިތްވަރަށް އަޅުގަނޑު އެ މީހުންނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަން. ސިފައިންގެ ފަޔާ ފައިޓަރުންގެ ހިތްވަރާ، ކަރޭޖު އަޅުގަނޑު ފާހަގަ ކުރަން،"
ޝަމާލް

އަލިފާނުގެ އެ ހާދިސާގައި ހަތަރު ހަތަރު ގުދަނާ، ހަތް ގެއެއް ވަނީ އަނދާފަ އެވެ. އަދި އުމުރުން 46 އަހަރުގެ އަންހެނަކު ވަނީ މަރުވެފަ އެވެ. މީގެ އިތުރުން 400 އަށް ވުރެ ގިނަ މީހުންގެ ބޯހިޔާވަހިކަން ބޭނުންވެގެން ރަޖިސްޓާ ކުރިއެވެ.

އަލިފާން ހިފި ކެމިކަލް ގުދަނުގައި ރޯވި ގޮތް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސާ އެކު ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭގައި ކެމިކަލް ގުދަންކުރުން މަނާކޮށް މިދިޔަ ހޯމަ ދުވަހު ވަނީ ގަވާއިދެއް ގެޒެޓްކޮށްފައެވެ. އެ ގަވާއިދުގައިވާ ގޮތުން މާލޭގައި މިހާރު ހުރި ގުދަންތައް ތިން މަސް ދުވަހުގެ ތެރޭގައި ބަދަލު ކުރަން ޖެހެއެވެ.