ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނުގެ ތެރެއަށް ވައްދަން ސަރުކާރުން ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ގާނޫނުގެ ތެރެއަށް ވައްދަން ސަރުކާރުން ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ މިއަދު އިކޮނޮމިކް މިނިސްޓްރީގައި ދިގު ކިއުއެއް ހަދާފައެވެ. އިއްޔެވެސް އިކޮނޮމިކް މިނިސްޓްރީގެ ކަމާ ބެހޭ ޑިޕާޓްމަންޓުގައި ދިގު ކިޔުއެއް ބިދޭސީން ވަނީ ހަދާފައެވެ. އިކޮނޮމިކް މިނިސްޓްރީން ފެށި ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން ކޮންމެ ދުވަހަކު ވެސް ދޫކުރަނީ 150 ނަންބަރެވެ. އެ ޕްރޮގްރާމް ހިންގާނީ ހަ މަހުގެ މުއްދަތަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުނިތަކަށް ވެސް ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެ ކުރި ފަރާތަށް ވެސް އޮންލައިންކޮށް އެކަމަށް އެދި ހުށަހެޅެއެވެ. މިނިސްޓްރީއަށް ގޮސް އެކަން ކުރަން ޖެހެނީ ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ވަޒީފާއެއް ނެތް މީހުންނެވެ. އެފަދަ މީހުންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ފަހު، ވަޒީފާ ހޯދަން ހަމަސް ލިބެއެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއީ އެ މިނިސްޓްރީން އަލަށް ފެށި ޕްރޮގްރާމެއް ކަމަށާއި، އެކަމަށް ވަރަށް ގިނަ އަދަދެއްގެ ބިދޭސީންގެ ފަރާތުން ތަރުހީބު ލިބިގެންދާ ކަމަށެވެ.
" މިއީ އަޅުގަނޑުމެން އަލަށް ފެސީ ޕްރޮގްރާމެއް އެހެންވެ މިކަމުގައި އޮތް ތަރުހީބު ފެނިގެންދޭ. ރެގުލަރައިޒޭޝަނަށް ބޭނުންވާ ބިދޭސީންތައް އެއީ" އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މައުލޫމާތު ދިނެވެ.
އިކޮނަމިކް މިނިސްޓްރީން ބުނީ ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު މަދުވެގެން 50،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށެވެ. ބިދޭސީން ގާނޫނުގެ އިމަށް ވެއްދުމުގެ މަސައްކަތް ކުރަމުން ދާނީ ސިވިލް ސާވިސް ކޮމިޝަން ބިލްޑިންގްގައި ހުންނަ އިކޮނަމިކް މިނިސްޓްރީގެ ލޭބާ ޑިޕާޓްމެންޓްގައެވެ. އެ ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ވެވޭނީ އެއްވެސް އިރެއްގައި ރާއްޖޭގައި މަސައްކަތް ކުރުމަށް 'އެމްޕްލޯއިމަންޓް އެޕްރޫވަލް' ދޫކޮށްފައިވާ ބިދޭސީންނަށެވެ. އެއްވެސް އިރެއްގައި 'އެމްޕްލޯއިމަންޓް އެޕްރޫވަލް' ދޫކުރެވިގެން ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ ތެރެއިން ކާކުކަން އަންގައިދޭ ލިޔުމެއް ނެތް ފަރާތްތަކަށް ވެސް އެ ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ކުރުމަށް ހުށަހެޅޭނެއެވެ.
ވަޒީފާ ދޭނެ ފަރާތެއް ލިބި ރެގިއުލަރައިޒް ވާން އެދޭ ބިދޭސީން ރެގިއުލަރައިޒް ކުރުމަށް ހުށަހަޅާނީ، 'އެކްސްޕެޓް އޮންލައިން ސިސްޓަމް' މެދުވެރިކޮށް ވަޒީފާދޭ ފަރާތުންނެވެ. މިގޮތުން ވަޒީފާދޭ ފަރާތަކީ ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ދޫކުރެވޭ ކޯޓާއެއް އޮތް ފަރާތެއް ނަމަ، ވަޒީފާދޭ ފަރާތުގެ އަތުގައި ބޭނުންނުކޮށް ބާކީއޮތް ކޯޓާއަށް ބިދޭސީން ރެގިއުލަރައިޒް ކުރުމަށް އެދެވޭނެ އެވެ. އަދި ކޯޓާ ނެތް ފަރާތްތަކުން ވެސް ކޯޓާއަށް އެދޭ ވަގުތު ބިދޭސީން ރެގިއުލަރައިޒް ކުމަށް ހުށަހެޅޭނެއެވެ.
އިމިގްރޭޝަނުން މީގެ ކުރިން ކުރަމުން އައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެކުރުމަށް ދެވޭ ހުއްދައިގެ މަސައްކަތްތައް އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ވަނީ މިއަހަރުގެ މާޗް 21 ވަނަ ދުވަހެވެ.