ކިތަންމެ މަސައްކަތެއް ކުރިއަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވައްޓާ ނުލެވޭނެ ކަމަށާއި ރާއްޖެއަށް ބަރުލަމާނީ ނިޒާމުވެސް ނުގެނެވޭނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖޭޕީއަށް މެންބަރުންތަކެއް ސޮއި ކުރުމަށް ރޭ ކުނޫޒްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ސޯލިހަށް ދަތިކުރުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށާއި އެކަންކަން ކުރަމުންދަނީ ވަކި މީހަކު ބޭނުންވާ މަގުސަދުތަކެއް ހާސިލު ކުރުމަށް ކަމަށެވެ.
ގާސިމް ވިދާޅުވީ، މި ސަރުކާރު ވައްޓާ ނުލެވޭނެ ކަމަށާއި ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ވެސް ބަދަލުކުުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރު ފެންނަނީ ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށާއި ޖޭޕީގެ ފުރިހަމަ ތާއީދު ސަރުކާރަށް އޮންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން، ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ ނުސީދާ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފާޑުކިއުން އަމަޒުކޮށްފައެވެ.
"އަނެއްކާ އެމްއެންޑީއެފް އާއި ފުލުހުން މިހެން ބުނެފިއޭ. ވަކި ބޭފުޅެއްގެ ފަހަތުން ފާރަވެރިވަނީއޭ. އިރުކޮޅަކުން އެ މުއައްސަސާތަކުން ނޫސް ބަޔާން ނެރޭ އެއީ ދޮގެކޭ ކިޔާ. މިކަހަލަ ވާހަކަ މި ދައްކަނީ" ރައީސް ނަޝީދަށް ދެއްކޭ ނުދެއްކޭ ވާހަކަ އެނގިވަޑައިނުގަންނަވާ ކަމަށް ނުސީދާ ގޮތެއްގައި ތުހުމަތު ކުރައްވަމުން ގާސިމް ވިދާޅުވިއެވެ.