ފ. މަގޫދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްސައްތާރު ސުލައިމާންގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، މެޖިސްޓްރޭޓް އަބްދުއްސައްތާރުގެ މައްސަލަ ބަލަން އެ ކޮމިޝަނުން ނިންމީ، އެ ކޮމިޝަނުގެ ގާނޫނުގައިވާ ފަދައިން ފަނޑިޔާރެއްގެ މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމިޓީން ބެލުމަށްފަހު ކަމަށެވެ.

ޖޭއެސްސީން މިހާރަކަށް އައިސް ފަނޑިޔާރުންނާ ބެހޭ ގިނަ މައްސަލަތަކާއި ޝަކުވާތައް ދަނީ ބަލަމުންނެވެ. އަދި މައްސަލަ ބެލުމަށްފަހު، އެ ފަނޑިޔާރަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ނަމަ، ޖޭއެސްސީން އެ ފިޔަވަޅު ވެސް އަޅައެވެ.

އެގޮތުން ޖޭއެސްސީން ވަނީ ބައެއް ފަނޑިޔާރުންނަށް ނަސޭހަތްތެރި ވުމުގެ ފިޔަވަޅާއި، މައްސަލަ ބަލާ ނިމެންދެން ގޭގައި މަޑު ކުރުމަށް އެންގުމުގެ ފިޔަވަޅުގެ އިތުރުން ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުން ދުރުކުރުމުގެ ފިޔަވަޅު ވެސް އަޅާފައެވެ. ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުން ދުރުކުރުމުގެ ފިޔަވަޅު މިހަތަނަށް އަޅާފައި ވަނީ އެއް ފަނދިޔާރަށެވެެ. އެއީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.