ޝަހުސު އޮޅުވާލައިގެން، ފޭކް ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު އަނެއްކާވެސް ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން ބުނީ، ނަކަލު ކޮށްފައިވާ (ކައުންޓާފީޓް) ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތް ކުރި ބިދޭސީ އަންހެނަކު އިމިގްރޭޝަނުން ހުއްޓުވާފައިވާ ކަމަށެވެ. އިމިގްރޭޝަނުން މި މީހާ ހުއްޓުވާފައިވާ އިރު، ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅޭ ގިނަ މީހުން އިމިގްރޭޝަނުން ދަނީ ހުއްޓުވަމުންނެވެ.

އެގޮތުން މިދިޔަ އާދިއްތަ ދުވަހު ވެސް، ސައްހަ ޕާސްޕޯޓަށް ބަދަލު ގެނެސްގެން، ނަކަލުކޮށްފައިވާ ޕާސްޕޯޓް ބޭނުން ކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތް ކުރި 3 ބިދޭސީ އަކު އިމިގެްރޭޝަނުން ވަނީ ހުއްޓުވާފައެވެ. އަދި މިދިޔަ ހުކުރު ދުވަހާއި އަންގާރަ ދުވަހު ވެސް ޕާސްޕޯޓެއް ނަކަލު ކޮށްގެން ރާއްޖެ އެތެރވާން އުޅުނު ދެ ބިދޭސީއަކު އިމިގެރޭޝަނުން ވަނީ ހުއްޓުވާފައެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ވަނީ މިއަހަރުގެ މިހާތަނަށް 11 ފަރާތަކުން ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށް ޝަހުސު އޮޅުވަލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކޮށްފައި ކަމަށް މިމަހު 11 ވަނަ ދުވަހު ބުނެފައެވެ. މިއަހަރު މިހާތަނަށް ރާއްޖޭގައި އެހެން ޕާސްޕޯޓު ހަދައިގެން އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅޭ ބިދޭސީންގެ އަދަދު 17 އަށް އަރާފައިވާއިރު، މިހާރުވެސް ރާއްޖޭގައި އުޅޭ އަދަދެއްގެ ބިދޭސީންގެ ތެރެއިން ގިނަ ބިދޭސީ މީހުންނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނެވެ.