ރާއްޖޭގެ އެތެރޭގެ ދަރަނީގެ 1.9 ބިލިއަން ރުފިޔާގެ ތެރެއިން 1.5 ބިލިއަން ރުފިޔާއަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ކުރެއްވި ޓްވީޓްތަކެއްގައި މިނިސްޓަރު އަމީރު ވިދާޅުވީ، އިންޑިއާގެ 1.5 ބިލިއަން ރުފިޔާގެ ހިލޭ އެހީ ދަރަނީގެ ގޮތުގައި ރިކޯޑް ކުރެވިފައިވީނަމަވެސް, މެޗުއަރިޓީގައި މި އަންނަ އަހަރު 1.5 ބިލިއަން ރުފިޔާ ހިލާއެހީއެއްގެ ގޮތުގައި ރިކޯޑްކުރެވޭނެ ކަމަށެެވެ.

މީގެ އިތުރުން ޓީ-ބިލްސްގެ ގޮތުގައި ޖޫންމަހާއި ހަމަޔަށް 325 މިލިއަން ރުފިޔާ ރިކޯޑް ކޮށްފަވާނެ ކަމަށާއި، އިތުރުވެފައިވާ ދަރަނީގައި ޓީ-ބިލުގެ އިތުރުން ލޯނުން ހިންގާ މަޝްރޫއުތަކުގެ ޑިސްބާޒްމަންޓްތައްވެސް ހިމެނޭ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

"މިއަހަރުގެ މިހާތަނަށް އިންޑިއާ ސަރުކާރުގެ އެހީ ފިޔަވައި ޓީ-ބިލްސް އިތުރުވެފައިވަނީ ‘އޯވަ-ސަބްރައިބް” ކުރުމުގެ ސަބަބުން،"
އަމީރު

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދައުލަތުގެ ދަރަނި ފުރަތަމަ ފަހަރަށް ވަނީ 50 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައެވެ. މިއީ މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނު އިރު ދައުލަތުގެ ދަރަނި ހުރި މިންވަރެވެ. އެގެ ކުރިން ދަރަނި ހުރީ 48 ބިލިއަން ރުފިޔާގައެވެ.

ދައުލަތުގެ ދަރަނީގެ ބޮޑު ބައި ހިއްސާކުރަނީ އެތެރޭގެ ދަރަންޏެވެ. އެގޮތުން 50 ބިލިއަންގެ ތެރެއިން 29.7 ބިލިއަން ރުފިޔާ އަކީ އެތެރޭގެ ދަރަނިކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކަންެވެ. މިއީ މުޅި ދަރަނީގެ 58 ޕަސެންޓެވެ. ބޭރުގެ ދަަރަނި ހުރީ 21.3 ބިލިއަން ރުފިޔާގައެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، އެތެރޭގެ ދަރަނީގެ ބޮޑު ހިއްސާ އަކީ ސަރުކާރުން ވިއްކާފައިވާ ޓީބިލާއި ބޮންޑެވެ. އެގޮތުން މިދިޔަ ހަ މަސް ދުވަހު 1.9 ބިލިއަން ރުފިޔާގެ ޓީބިލާއި ބޮންޑު ވިއްކައިގެން ސަރުކާރަށް ފައިސާ ހޯދާފައިވެއެވެ. އޭގެ ތެރެއިން ކޮމާޝަލް ބޭންކްތަކަށް ވިއްކި ވަރު 1.1 ބިލިއަން ރުފިޔާ އަށް އަރާ އިރު މާލީ އެހެން އިދާރާތަކަށް ވިއްކި ޓީބިލާއި ބޮންޑުގެ އަދަދު އުޅެނީ 819 މިލިއަން ރުފިޔާގައެވެ. އަދި މި ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭން ބޭރުން ނެގި ލޯނުގެ މިންވަރު 733.5 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.