ވައިގެ ތެރޭގައި ފަނެއް އުދުހޭ ވީޑިއޯއެއް އާންމު ވެއްޖެއެވެ.
އާންމުވި ވީޑިއޯ އިން ފެންނަ ގޮތުގައި، ވައިގެ ތެރޭގައި ހެލިލަހެލިލައި އޮންނަނީ ރުކެއްގެ ފަނެކެވެ. މި ފަން އޮތީ ވައި ގަނޑަކާއި ހިފަހައްޓާފައި ކަމަށް ބެލެވެއެވެ. މި މަންޒަރު މިއަދު ހަވީރު ފެނިފައި ވަނީ ބ. އޭދަފުށިންނެވެ.
މި ފަން ވެއްޓުނީ، 20 މިނިޓެއް ހާއިރު އެއްވެސް ތަނެއްގައި ނުޖެހި ވައިގެ ތެރޭގައި ހެލިހެލި އޮވެފައި ކަމަށް މައުލޫމާތު ލިބެއެވެ.
މޫސުމީ ނަޒަރަކުން ބަލާއިރު، އެފަދަ ގޮތަކަށް އެއްޗެއް ވައިގެ ތެރޭގައި ހިފެހެއްޓިފައި އޮތުމަކީ، އެކަށީގެންވާ ކަމެކެވެ. ހާއްސަކޮށް އެނބުރޭ ވައިގަނޑެއްގައި އެއްޗެއް ޖެހިއްޖެ ނަމަ އެ އެއްޗެއް، އެ ވައިގަނޑުގެ ބާރުމިން ކެނޑެންދެން ވައިގެ ތެރޭގައި ހިފަހައްޓާލައެވެ. ނަމަވެސް މިއީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.
ވައިގެ ތެރޭގައި ފަނެއް ހަރުލާފައި އޮތް ވީޑިއޯ އެއް އާންމުވެފައި ވާއިރު، މި ވީޑިއޯ ނަގާފައިވާ ވަގުތަކީ ބ. އޭދަފުށި ހިމެނޭ ގޮތަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފައިވާ ވަގުތެކެވެ. މޫސުމާ ބެހޭ އިދާރާއިން ވަނީ މި ވަގުތު އެ ސަރަހަށްދަށް 45 މޭލަށް ވައި ގަދަ ވާނެ ކަމަށް ލަފަ ކޮށްފައެވެ.
މީގެ އިތުރުން، މެޓް އޮފީހުން ވަނީ، ކ. އަތޮޅާއި ވ. އަތޮޅާ ދެމެދަށް މިރޭ 8:00 އިން ފެށިގެން މިރޭ 12:00 އާ ދެމެދަށް ވައިގަދަވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބުނެފައެވެ. ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކޮސް ޔެލޯ އެލާޓް ވެސް ވަނީ ނެރެފައެވެ.