ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުގެ ހިޔާލު ހުށަހެޅުމަށް 24 ގަޑިއިރަށް ވުރެ ގިނަ ވަގުތު ދޭން ޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ވިދާޅުވީ، މި ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުންގެ ހިޔާޅު ހޯދުމަށް 24 ގަޑިއިރަށް ވުރެ ގިނަ ވަގުތު ދޭން ޖެހޭ ކަމަށް ފެނި ވަޑައިގަންނަވާތީ އެ މުއްދަތު އިތުރު ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ލިޔުއްވާފައިވާ ކަމަށެވެ.
އާދަމް ޝަރީފު ރައީސް ނަޝީދަށް ފޮނުއްވި ސިޓީގައި ވަނީ، ސަރުކާރުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ވަރަށް ގިނަ ގައުމީ މަސްލަހަތު ހިމެނޭ އަދި ގާނޫނުއަސާސީގެ 48 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދޭ ހައްގުތަކެއް ހަނިކުރެވޭ ބިލެއް ކަމަށެވެ. އަދި ކޮމިޓީ މަރުހަލާގައި މިބިލަށް ވީހާވެސް ގިނަ އާންމުންގެ ހިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމަށް އިދިކޮޅުން ދެކެވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން، އާދަމް ޝަރީފު ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލި ފަދައިން އެ ބިލަށް ހިޔާލު ހުށަހެޅުމަށް 7 ދުވަހުގެ މުއްދަތު ދެއްވުމަށް ރައީސް ނަޝީދަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައެވެ.
މީގެ އިތުރުން އާދަމް ޝަރީފު ވިދާޅުވީ، މި ބިލު އަވަސް ކުރަން ޖެހެނީ ގައުމީނ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް ގައުމަށް މިވަގުތު ކުރިމަތިވެފައިވާތީ ކަމަށެވެ. އަދި އެކަން ވީހާ އަވަހަކަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީގެ ސަމާލުކަމަށް ގެންނަވައި މަޖިލީހުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އާދަމް ޝަރީފް ވަނީ ރައީސް ނަޝީދަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައެވެ.