3 މަސް ތެރޭ ގުދަންތައް މީހުން ނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރަން ޖެހޭ ކަމަށް މިއަދު ތަންފީޒު ކުރި ކެމިކަލް ގަވާއިދުގައި ބުނެފިއެވެ.

ކެމިކަލް އެތެރެ ކުރުމާއި، ގުދަން ކުރުން އަދި ބޭނުން ކުރުމާ ބެހޭ ގަވާއިދު މިއަދު އެކުލަވާލާފައިވާއިރު، މިއަދުން ފެށިގެން ތިން މަސް ދުވަސް ތެރޭގައި ރާއްޖެއަށް ކެމިކަލް އެތެރެކޮށް، ގުދަންކޮށް ބޭނުންކޮށް، ނައްތާލަން ޖެހޭނީ ގަވާއިދުގައި ބުނެފައިވާ ގޮތަށެވެ. މި ގަވާއިދުގައި ކެމިކަލް ރައްކާކުރާ ގުދަން ހަދާފައި ހުންނަން ޖެހޭގޮތުގެ ތަފްސީލު ހާމަ ކޮށްފައިވެއެވެ.

މި ގަވާއިދުގައި ބުނާ ގޮތުން، ކެމިކަލް ރައްކާ ކުރާ ގުދަނެއް އިމާރާތެއްގެ 3 ވަނަ ފަންގިފިލާއަށް ވުރެ އުސް ނުވާ ގޮތަށް ހުންނަން ވާނެ ކަމަށާއި، އެތަނަކީ މީހުން ދިރިއުޅޭ ތަންތަނާއި ވަކިން ތަޅުލައިފައި ހުންނަ ރައްކާތެރި ތަނަކަށް ވާން ޖެހެއެވެ. އަދި މި ގުދަނުގެ ދޮރުތަކަކީ 30 މިނިޓުގެ ފަޔާ ރެސިސްޓަންޓް ދޮރުތަކަކަށް ވާންޖެހޭނެ ކަމަށް ވެސް މި ގަވާއިދުގައި ބުނެއެވެ.

ގަވާއިދުގައި ބުނާ ގޮތުން، ކެމިކަލް ރައްކާ ކުރާ ގުދަނެއްގައި އިތުރު ތަނަކަށް ނުވަދެ ރައްކާތެރި ސަރަހައްދަކަށް ނިކުމެވޭ ގޮތަކަށް ކަމަށާއި، މަތީ ފަންގިފިލާއެއްގައި ހަދާފައިވާ ގުދަނެއް ނަމަ، އިމާރާތުގެ ބޭރަށް ފޭބޭނެގޮތަށް އިމަޖެންސީ އެސްކޭޕް ލެޑާ ހަރުކޮށްފައި ހުންނަން ޖެހެއެވެ. އަދި ހާދިސާއެއް ހިނގައިފި ހާލަތަކަށް ތައްޔާރު ފަސްޓް އެއިޑް ކިޓެއް ހުންނަން ވާނެ ކަމަށް ގަވާއިދުގައި ބުނާއިރު، މި ކިޓުގައި ހުންނަން ޖެހޭ ތަކެތިވެސް ގަވާއިދުގައި ބަޔާން ކޮށްފައިވެއެވެ.

މީގެ އިތުރުން، ގުދަނުގެ ތެރޭގައި ފިނި ހޫނުމިން ބަހައްޓާނެ ގޮތާއި، ކަރަންޓު ވަޔަރުކޮށްފައި ހުންނަ ގޮތް އަދި އެތެރޭގައި ކެމިކަލް ގުދަން ކުރަން ޖެހޭ ގޮތުގެ ގިނަ ތަފްސީލުތަކެއް ވެސް މި ގަވާއިދުގައި ހާމަކޮށްފައިވެއެވެ.