ކެމިކަލް އެތެރެ ކުރުމާއި، ގުދަން ކުރުން އަދި ބޭނުން ކުރުމާ ބެހޭ ގަވާއިދު އެކުލަވާލައި ގެޒެޓް ކޮށްފިއެވެ.
މި ގަވާއިދު އެކުލަވާލުމުގެ އެންމެ ބޮޑު މަގްސަދަކީ ނުރައްކާތެރި ކެމިކަލަކީ ކޮބާކަން ކަނޑައެޅުމާއި ކެމިކަލް ރާއްޖެ އެތެރެކުރާ ފަރާތްތަކުން އަމަލު ކުރަންވީ އުސޫލުތައް ކަނޑައެޅުން އަދި މި ތަކެތި އެތެރެކޮށް ގުދަން ކުރުމުގައި އަމަލު ކުރަންވީ ގޮތާއި ރައްކާތެރި ކަމުގެ ގޮތުން އަޅަންވީ ފިޔަވަޅުތައް ކަނޑައެޅުމެވެ.
މި ގަވާއިދުގައި ނުރައްކާތެރި ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދިނުމުން ފަށައިގެން، އެ ގުދަން ކުރުމާއި، އެއްތަނުން އަނެއް ތަނަށް އުފުލުން އަދި ކެމިކަލް ނައްތާލުމާއި ކަމެއް ދިމާވެއްޖެ ނަމަ އަމަލު ކުރަންވީ ގޮތާއި، ސަލާމަތީ ގޮތުން އަޅަންވީ ރައްކާތެރިކަން ވެސް ފާހަގަކޮށްފައިވެއެވެ. އަދި ކެމިކަލް ގުދަންކޮށް ބަހައްޓާތަނަކާއި، ލިބިދާނެ ގެއްލުމަކަށް ޒިންމާވާ ގޮތަށް ކޮމްޕެރެހެންސިވް ރިންސުރެންސް ޕޮލިސީއަކުން އިންޝުއާކޮށްފައި ހުންނަން ޖެހޭ ކަމަށް ވެސް މި ގަވާއިދުގައި ބުނެއެވެ.
މީގެ އިތުރުން ކެމިކަލް ރައްކާކުރާ ގުދަންތައް މީހުން ދިރުއެޅޭ އިމާރާތެއްގައި ހުރި ތަނަކަށް ވެގެން ނުވާނެ ކަމަށާޢި، ކެމިކަލް ރައްކާ ކުރާ ގުދަނުގައި ސެކިއުރިޓީ ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެހިފައި އޮންނަން ވާނެ ކަމަށް އެ ގަވާއިދުގައިވެއެވެ. އަދި ކެމިކަލް ގުދަންތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަލިފާން ނިވާ ގޮތުގެ ތަމްރީނާއި ފަސްޓް އެއިޑް ދޭނެ ގޮތުގެ ތަމްރީން ދެވިފައި ތިބެން ޖެހޭނެ ކަމަށް ވެދސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މިއަދު އާންމު ކޮށް ތަންފީޒު ކުރަން ފަށާފައިވާއިރު، މިއަދުން ފެށިގެން ތިން މަސް ދުވަސް ތެރޭގައި ރާއްޖެއަށް ކެމިކަލް އެތެރެކޮށް، ގުދަންކޮށް ބޭނުންކޮށް، ނައްތާލަން ޖެހޭނީ ގަވާއިދުގައި ބުނެފައިވާ ގޮތަށެވެ.