ޓެރަރިޒަމް ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ދިރާސާ ކުރާ ގައުމީ ސަލާމަތު ކޮމެޓީއާ ބިލާ ގުޅުންހުރި ގިނަ އަދަދެއްގެ އިދާރާތަކެއް ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

މިރޭ 20:00 ގައި މަޖިލީހުގެ އިދާރާގައި އޮންނަ ގައުމީ ސަލާމަތު ކޮމެޓީއަށް ބަންޑާރަ ނާއިބުގެ އޮފީހާއި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި އެމްއެންޑީއެފްއާއި އަދި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އިތުރުން ފުލުހުންނާއި ހޯމް މިނިސްޓްރީގެ ބޭފުޅުން ކޮމެޓީއަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ.

މި ފަރާތްތައް މަޖިލީހަށް ހާޒިރު ކުރަނީ ޓެރަރިޒމްގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ.

ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ސަރުކާރުން ހުއްދައެއް ލިބިގެން މެނުވީ ހަނގުރާމަވެރި ސަރަހައްދަކަަށް ދިއުމާއި، ހަނގުރާމަވެރި ސަރަހައްދެެއްގައި ހުރުމަކީ ކުށެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ހަނގުރާމައަށް ދާން އުޅުމަކީ ނުވަތަ އެކުށް ކުރުމަަށް އެހީތެރިވުމަކީ ނުވަތަ އެކުށް ކުުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެެކެވެ. އަދި ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަަރަހައްދެއްގައި އުޅުމަކީ އަދި އެހީތެރިވުމާ އެ ކުށް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

16 ވަނަ މާއްދާގެ ދަށުން 'ހަނގުރާމައަށް ދިއުން' ކަމަށް ބުނެފައިވަނީ ބޭރުގައުމެއްގައި ޓެރަރިސްޓް ޖަމާއަތަކުން ނުވަތަ އެފަދަ ޖަމާއަތަކަށް ނިސްބަތް ނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައެއްގައި ބައިވެރިވުމާއި، ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމަށް ނުވަތަ ތައްޔާރުވުމަށް، ނުވަތަ އެފަދަ އަމަލުތައް ހިންގުމުގައި ބައިވެރިވުމަށް ނުވަތަ އެހީތެރިވުމާއި، ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ފޯރުކޮށްދިނުމަށް ނުވަތަ ލިބިގަތުމެވެ.

މި މާއްދާގައި ހަނގުރާމަވެރި ސަރަހައްދެއްކަމަށް ބުނެފައި ވަނީ ރާއްޖެއިން ބޭރުގައި ޓެރަރިސްޓް ޖަމާއަތަކުން ނުވަތަ އެފަދަ ޖަމާއަތަކަށް ނިސްބަތް ނުވާ ޓެރަރިސްޓުން ހަނގުރާމައެއް ހިންގަމުންދާ ސަރަހައްދުތަކުގެ ތެރެއިން ރައީސް ކަނޑައަޅާ ސަރަހައްދުތަކެވެ.

މި އިސްލާހުގައި ހަނގުރާމަވެރި ސަރަހައްދުތަކަށް ދެވޭނެ ކަންކަން ވެސް ހިމަނާފައިވެއެވެ. އެއީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ބަޔަކަށް އިންސާނިއްޔަތުކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކޯޓު އަމުރެއް ތަންފީޒު ކުރުމަށާއި، އެހެން ގައުމެއްގެ ސަރުކާރުން ހަވާލުކުރާ މަސައްކަތެއް ކުރުމަށް، އދ. ނުވަނަ އދ. ގެ އެޖެންސީއަކުން ހަވާލުކުރާ މަސައްކަތެއް ކުރުމާއި، ހުއްދަކޮށްފައިވާ ނޫސްވެރިކަމުގެ މަސައްކަތަކެއް ކުރުން އަދި ސަރުކާރުން ހުއްދަ ދޭކަމެއް ކުރުމަށެވެ. ނަމަވެސް މިނޫން އެހެން ހާލަތެއްގައި ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަކީ ހަނގުރާމައަށް ދިއުމަށް އެފަދަ ސަރަހައްދަކަށް ދިއުން ކަމުގައި ބެލެވޭނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ.