ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ (ޕީސީބީ) ގެ މެންބަރު ކަމަށް ފަސް ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޕީސީބީއަށް ފަސް މެންބަރުން ރައީސް ސޯލިހު އައްޔަނުކުރައްވާ އެ ބޯޑުގެ ރައީސްގެ މަގާމަށް ހަސަން ވަހީދު ހަމަޖައްސަވާފައިވާ ކަމަށެވެ. އެ ބޯޑުގެ ނާއިބު ރައީސަކަށް އައްޔަން ކުރައްވާފައިވަނީ މުހައްމަދު އާސިމެވެ. ބޯޑު މެންބަރުންނަށް އައްޔަން ކުރައްވާފައިވަނީ އައިޝަތު ޝަޒްލީއާ ރުޝާހާ އަހްމަދު ޝަރީފާއި އަލީ ޝަފީއުގެ އިތުރުން އަލްއުސްތާޒު އަލީ ޝުޖާއު އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސްގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވާފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ނިޒާރު މިދިޔަ އޯގަސްޓް މަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޕްރައިވަޓައިޒޭޝަން ބޯޑަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް މޮނީޓާކުރާ އެ ބޯޑަށް މެންބަރުން އައްޔަނު ކުރަނީ މަޖިލީހުގެ ރުހުމާއެކު އޭރު ރައީސް ކަން ކުރައްވާ ބޭފުޅެކެވެ.