އިންޑިއާގެ ގާނޫނު އަސާސީގައި ޒަމާނުއްސުރެ އޮތް މާއްދާ 370 އެ އޮތް ގޮތުގައި އޮވެގެން ޖައްމުއާއި ކަޝްމީރު އަދި ލަދަކްގެ ރަށްވެހިން ހައްގުތަކަކުން މަހްރޫމު ވަމުން ދިޔަ ކަމަށާ، ގާނޫނު އަސާސީއިން އެ މާއްދާ އުވާލުމާއެކު ހަމަހަމަ ހައްގުތަކެއް ރައްޔިތުންނަށް ލިބިގެން ގޮސްފައިވާކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް މޯދީގެ ޝަރަފުގައި އެމެރިކާގެ ޓެކްސަސްގައި ކުރިއަށްގެންދިޔަ "ހައުޑީ މޯދީ" އިވެންޓްގެ ބައިވެރިންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، ވަކިވެ ގަތުމަށް މަސައްކަތްކުރާ މީހުން ޓެރަރިސްޓުން ދިޔައީ މާއްދާ 370ގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށެވެ. އެކަން ބަދަލުކުރުމަށް ވޯޓުދިން މަޖިލިސް މެމްބަރުންނަށް، ކޮޅަށް ތެދުވެ ތައުރީފުގެ އަތްތިލަބަޑިއެއް ޖަހާދިނުން ހައްގުކަމަށްވެސް މޯދީ ވަނީ އިވެންޓްގައި ބައިވެރިވަމުންދިޔަ އިންޑިއާ-އެމެރިކާ ދަރިކޮޅުގެ 50000 އެއްހާ ޖަލީސުންނަށް ދަންނަވާފައެވެ.

އެމެރިކާގައި ކުރިއަށްދިޔަ "ހައުޑީ މޯދީ" އިވެންޓްގައި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ވ) ތަގުރީރުކުރައްވާއިރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަތްތިލަބަޑި ޖައްސަވަނީ/ފޮޓޯ: އޭއެފްޕީ

މާއްދާ 370ގެ އުޒުރު ނަންގަވައިގެން މޯދީ ވަނީ ޕާކިސްތާނަށްވެސް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފައެވެ. އެގޮތުން އިންޑިއާއިން އަޅަމުންދާ ބައެއް ފިޔަވަޅުތަކަކީ އަމިއްލަ ގައުމު ހިފަހައްޓާނުލެވިގެން އުޅޭ ބައެއްގެ ބޮލަށް އުނދަގޫކުރާ ފިޔަވަޅުތަކަކަށް ވެފައިވާ ކަމަށާ، އެމީހުންނަކީ ސުލްހަ ބޭނުންވާ ބައެއް ނޫންކަމަށް ވިދާޅުވެ، މޯދީ ވަނީ ޕާކިސްތާނަށް ނުސީދާ ގޮތް ހަޖޫޖައްސަވާފައެވެ. މިމީހުންނަކީ ޓޭރަރިޒަމްއަށް ހިމާޔަތްދީ އެކަން ފުޅާކުރަމުންދާ މީހުންކަމަށާ، މިއަދު މުޅި ދުނިޔެވެސް އެކަން ވަރަށް ރަނގަޅަށް ދަންނަ ކަމަށް ވިދާޅުވެ، މޯދީ ވަނީ ޕާކިސްތާނަށް ވަރުގަދަ ތުހުމަތުތަކެއްވެސް އަމާޒުކުރައްވާފައެވެ.

އިންޑިއާއާއި ޕާކިސްތާނުންވެސް އެ ސަރަހައްދެއްގެ ފުރިހަމަ މިލްކުވެރިކަމަށް ވަކާލާތުކުރަމުންދާ ޖައްމުއާއި ކަޝްމީރަށް މިނިވަންކަމާ އިސްތިގުލާލު ކަށަވަރުކޮށްދިން މާއްދާ 370 އުވާލުމަށްފަހު އިންޑިއާގެ މައި ސަރުކާރުން ދަނީ މި ސަރަހައްދުގެ އިންޑިއާއާއި ވީ ފަޅީގައި ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް ތަންފީޒުކުރަމުންނެވެ. މީގެ އިތުރުން ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގެ ބޮޑު ކޮންޓްރޯލެއް މައި ސަރުކާރުގެ ދަށަށް ގެންގޮސްފައިވާއިރު، މި ސްޓޭޓްގެ ދަރަޖަ ވަނީ ޔޫނިއަން ޓެރިޓަރީޒްތަކެއްގެ ދަރަޖައަށް ދަށް ކޮށްފައެވެ.

ކުރިއަށް އޮތީ އދގެ މެމްބަރު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ކަމަށް ވާއިރު، މި ބައްދަލުކުރެއްވުމުގައި ކަޝްމީރުގެ މައްސަލަ ނަންގަވާނެ ކަމުގެ އިންޒާރު، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ ދެއްވާފައެވެ.