ބާޒާރުމަތީ ފިހާރަތައް ކުރިމަތީ އިން މާބަނޑު އަންހެންމީހާ ޖެންޑާއިން ދޭން އުޅުނު އެހީތެރިކަން ބޭނުން ނުވާކަމަށް މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ބުނެފިއެވެ.

ޖެންޑާއިން ބުނީ، އެހީތެރިކަން ބޭނުންވާ މާބަނޑު އަންހެނަކު ބާޒާރުމަތީ ސަރަހައްދުގައި އުޅޭ ކަމުގެ މައުލޫމާތު ލިބުމުން، އޭނާ ހޯދާފައިވާ ކަމަށެވެ. އަދި އެ އަންހެން މީހާއަށް އެހީތެރިކަން ފޯރުކޮށްދޭން އެ މިނިސްޓްރީން މަސައްކަތްކޮށްފައިވީ ނަމަވެސް ހުށަހެޅި އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް އޭނާ ގަބޫލުކޮށްފައި ނުވާކަމަށް ޖެންޑާއިން ބުނެއެވެ.

އިއްޔެގެ ވަގުތެއްގައި މާބަނޑު އަނހެންަކު ބާޒާރުމަތީގައި އިން ކަން ޖެންޑާ މިނިސްތްރީގެ ސަމާލުކަމަށް އައިސްފައިވާއިރު، އެ އަންހެންމީހާގެ ފޮތޯއަކާއި އެކީ ވަނީ ށޯޝަލް މީޑިއާގައި އާންމުންގެ މީހަކު ފޯސްޓެއްކޮށްފައެވެ.

"ވަރަށް ހިތް ދަތި މަންޒަރެއް" ކަމަށް ބުނެ އާންމުންގެ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ބާޒާރުމަތީ ފިހާރަތައް ކައިރީ މި އަންހެންމީހާ ގިނަ ވަގުތުތަކެއްގައި އިންނަ ތަން ފެންނަ ކަމަށެވެ. އެއީ މާބަނޑު އަންހެނެއް ކަމަށާއި އެ އަންހެންމީހާ ބަނޑުގައި ރިއްސާތީ އުޅޭ ކަމަށް ފާހަގަވެ އެފަރާތުން ޑޮކްޓަރަށް ދައްކަން ދާން އެދިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. ނަމަވެސް އެ އަަންހެން މީހާގެ އައީޑީކާޑު ވަނީ ގެއްލިފައި ކަމަށް ބުނެ ހޮސްޕިޓަލަށް އޭނާ ނުގެންދެވުނު ކަަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި ބުނެފައިވަނީ، އެ އަންހެންމީހާ ބުނި ގޮތުގައި އޭނާ ރަނގަޅަށް ނުކައި އުޅޭތާ ހަފްތާއެއް ވެއްޖެ ކަމަށާއި އޭނާ ނިދަނީވެސް މަސްވެރިންގެ ޕާކުގައި ކަމަށެވެ. ފޮޓޯއިން ފެންނަ މަންޒަރުން އެ އަންހެން މީހާގެ އަތުގައި ބޮޑު ރަތްކޮތަޅެއް އޮތެވެ. އަދި އެ އަންހެންމީހާގެ ބޯ މަތީގައި ވާރޭއިން ހިޔާވުމަށް ވިއްސާރަ ކޯޓެއް އަޅާފައިވެސް ވެއެވެ.