ހުކުރު ދުވަހު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ރޯވި އިމާރާތްތަކުގެ ތެރޭގައި އިތުރު މީހެއްގެ ހަށިގަނޑު އޮތްތޯ ބަލަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، އަލިފާނުގެ ހާދިސާގެ އަސަރު ކުރި އިމާރާތްތަކުގައި މީހެއްގެ ހަށިގަނޑެއް އޮތްތޯ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ރަސްމީކޮށް މީހަކު ގެއްލިގެން ހުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން ނޫން ކަމަށާއި، އެއީ މިފަދަ ކާރިސާތަކުގައި ފުލުހުން އަމަލުކުރަމުންދާ ގޮތްކަމުގައިވާތީ އެކަން ކުރިއަށް ގެންދަނީ ކަމަށެވެ.
ނަވީން ވިދާޅުވީ މީހެއްގެ ހަށިގަނޑެއް އޮތްތޯ ބަލަމުން ދަނީ އެއްގޮތަކަށް ވެސް މީހަކު ގެއްލިގެން ރަސްމީކޮށް ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ނޫން ކަމަށެވެ. އަދި މި ހާދިސާގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ވެސް ހިމެނުމާއެކު، ހުރިހާ ޕޮސިބިލިޓީސް އަކަށް ވިސްނާފައި ތަހުގީގުގެ ބޭނުމަށް ފުލުހުން ސީން ޕްރޮސެސް ކުރާނެކަމަށް ނަވީން ވިދާޅުވިއެވެ.
ނަވީން ވިދާޅުވީ މީހުން މަދުވާ ވާހަކައާއި ގެއްލިގެން އުޅޭކަމުހެ ވާހަކައެއް ސޯޝަލް މީޑިއާ އަދި ރަށުތެރޭގައި ދެކެވެމުންދާ ކަމަށެވެ. އަލިފާނުގެ ހާދިސާއާއި ގުޅިގެން އިތުރު މީހަކު ގެއްލިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކޮށްފައިވާ ކަމެއް ނުވަތަ ނޫންކަމެއްވެސް ނަވީން ހާމައެއް ނުކުރައްވައެވެ. އެހެންނަމަވެސް، ބިދޭސީއެއް ގެއްލިގެން އުޅޭ ކަމަށް މީސްމީޑިއާގައި ވަނީ ހަބަރު ފެތުރިފައެވެ.
ނަވީން ވިދާޅުވީ، އަލިފާނުގެ ހާދިސާގެ ތަހުގީގުގައި ދެތަނެއް ބަލަމުން އަންނަ ކަމަށެވެ. އޭގެތެރޭގައި އެންމެ އިސްކަމެއް ދީގެން ބަލަނީ އަލިފާން އެންމެ ފުރަތަމަ ރޯވި ގުދަން ކަމަށް އޭނާ ވިދާޅުވިއެވެ.