މިދިޔަ ހުކުރު ދުވަހު އަބަދަށްފހި މަގުގައި ހުރި ގެތަކެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުން ނެތް މީހުން ވެސް ރަޖިސްޓްރީވާން އަންނަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީގެ ޗީފް އެކްޒެކްޓިވް، ހިސާން ހަސަން ވިދާޅުވީ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ އިތުރުން ވެސް އެކި އެކި ރައްރަށުގެ މީހުން ވެސް ރަޖިސްޓްރީވުމަށް އަންނަމުންދާ ކަމަށެވެ.
އެގޮތުން އައްޑޫ ސިޓީ އަދި ތ. އަތޮޅުން ބައެއް މީހުން ރަޖިސްޓްރީވާން އައިކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އަލިފާނުގެ ހާދިސާއާއި ގުޅިގެން މިހާތަނަށް 562 މީހަކު އެ އޮތޯރިޓީގައިި ރަޖިސްޓާ ކުރެވިފައިވާކަމަށެވެ. އަދި މީގެ ތެރެއިން 247 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަށް ފޯރުކޮށްދީފައިވާ ކަމަށާއި، މިއީ އަލިފާނުގެ ހާދިސާއާއި ގުޅިގެން ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނު ފަރާތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސައިދިނީ ގެސްޓު ހައުސްތަކުން ކަމަށް ޑިޒާސްޓާއިން ބުނެއެވެ. އަދި އެ މީހުން ދިރިއުޅުނު ގެތަކަށް ލިބުނު ގެއްލުންތައް ދިރާސާކުރަމުން ދާކަމަށާއި، އޭގެފަހުން، އެ މީހުންނަށް މާލީ އެހީއެއް ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ.
މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާގައި ހަތަރު ގުދަނާއި ހަތް ގެއެއް ވަނީ އަނދާ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެ ގުދަނުގައި ރޯވި ގޮތެއް އަދި މިހާތަނަށް ނޭނގެއެވެ. އެ ތަހުގީގު ފުލުހުންނާއި އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.