ހުއްދަ ނަގައިގެން ކަމަށް ބުނެ އާންމުން އުޅޭ ސަރަހައްދެއްގައި ކެމިކަލް ގުދަން ކުރާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

މިދިޔަ ހުކުރުދުވަހު އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، 6 ގެއާއި 4 ގުދަން އަނދއަިގެން ދިޔައިރު، ސޯޝަލް މީޑިއާގައި އެންމެ ގަދައަށް ދެކެވެމުން ދިޔައީ މީގެ 10 މަސް ކުރިން ޒުވާނަކު ކުރި ޓްވީޓެއްގެ ވާހަކައެވެ. 10 މަސް ކުރިން ޒުވާނާ ޓްވީޓް ކުރީ، ގ.ފެހިމާގޭގައި ހުރި ގުދަނަކަށް ފައިބާގްލާސް ކެމިކަލް ވައްދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށެވެ.

އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި މިފަދަ ކެމިކަލްތައް ގުދަން ކޮށްފައި ހުރުމަކީ، ނުރައްކާތެރިކަމެއް ކަމަށާއި، އެތަންތަން އާންމުން ދިރިއުޅޭ ސަރަހައްދުން ދުރު ކުރުމަށް ގިނަ ފަރާތްތަކުން ދަނީ ކަމާބެހޭ ފަރާތްތަކުގައި އެދެމުންނެވެ. އަދި މިކަމާއި ގުޅިގެން ސަރުކާރުން ވަނީ އެފަދަ ގުދަންތައް އާންމުން ދިރިނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރުމަށް ނިންމާފައެވެ.

ގުދަންތައް މީހުން ނޫޅޭ ހިސާބުތަކަށް ބަދަލުކުރުމަށް އެންގުމާ އެކު ގ. ފެހިމާގޭގައި ފައިބާ ގްލާސް ކެމިކަލް ގުދަން ކޮށްފައި ހުރިތަނުން އެތަކެތި ނެރެގެން ގެންދިޔަތަން ފެނުނެވެ. ނަމަވެސް، އަނެއްކާ އެތަނަށް އެ ކެމިކަލްތައް ވައްދާ މަންޒަރުގެ ފޮޓޯއާއި ވީޑިއޯ މިއަދު އާންމު ވިއެވެ.

ގ. ފެހިމާގޭ ގުދަނަށް ކެމިކަލް ވައްދާ ވީޑިއޯ އާންމުކޮށް ޓްވީޓް ކުރި ޒުވާނާ ބުނީ، އެތަނަށް ކެމިކަލް ވައްދަނީ އެ ކެމިކަލްތައް ގުދަން ކުރާނެ އެހެންތަނެއް ނެތުމުގެ ސަބަބުން ފުލުހުން ހުއްދަ ދީގެން ކަމަށް އެތަނުގައި މަސައްކަތް ކުރާ މީހުން ބުނާ ކަމަށެވެ. ނަމަވެސް ކެމިކަލް ގުދަން ކުރުމުގެ ކަންކަން ބަލަހައްޓަނީ އެމްއެންޑީއެފުންނެވެ.

އެމްއެންޑީއެފްގެ ބެލުމުގެ ދަށުންދާ ކަންކަން ކަމަށް ވުމާއި އެކު ކެމިކަލް ގުދަން ކުރުމަށް ފުލުހުން އެއްވެސް ބަޔަކަށް ހުއްދަ ނުދޭނެ ކަމަށް ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު 'ދަ ޕަރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. އަދި އެއީ ފުލުހުންގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫނެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބަހެއް ލިބޭތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އެމްއެންޑީއެފުން އެ ސުވާލަށް ޖަވާބެއް ދީފައެއް ނުވެއެވެ. ޖަވާބުގެ ބަދަލުގައި އެމްއެންޑީއެފުން ހިއްސާ ކުރީ ކެމިކަލް އެތެރެކުރުމާ ރައްކާ ކުރުމާ ބެހޭގޮތުން ތައްޔަރު ކޮށްފައިވާ ގަވާއިދެވެ. އެ ގަވާއިދުގައިވާ ގޮތުން، ކެމިކަލް އެތެރެކުރުން އަދި ގުދަން ކުރުމާ ބެހޭ ހުއްދަތައް ހޯދަން ޖެހެނީ ޑިފެންސް މިނިސްޓްރީ އަދި އެމްއެންޑީއެފުންނެވެ. އަދި މިފަދަ ތަންތަނުގައި ކެމިކަލް ރައްކާކޮށްފައި ހުރީ ގަވާއިދާ އެއްގޮތަށްތޯ ބަލާ އިންސްޕެކްޓް ކުރަން ޖެހެނީ އެމްއެންޑީއެފުން ކަމަށް ވެސް އެ ގަވާއިދުގައި ބުނެއެވެ. ނަމަވެސް ގ. ފެހިމާގޭގައި ގުދަން ކުރަން ހުއްދަ ދިން ކަމެއް ނުވަތަ ނުދޭކަމެއްވެސް އެމްއެންޑީއެފުން ނުބުންޏެވެ.

އެގޮތުން، މާލޭގައި 126 ކެމިކަލް ގުދަން ހުރިއިރު، އޭގެތެރެއިން 98 ގުދަންނަކީ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ގުދަންތައް ކަމަށާއި މި 98 ގުދަނުގެ ތެރެއިން 82 ގުދަން ހުރީ މީހުން ދިރިއުޅޭ އިމާރާތްތަކުގައި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އިރާކޮޅު ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގީ ކެމިކަލް ގުދަނެއްގައި ރޯވެގެންނެވެ. އެ ހާދިސާގައި 6 ގެއަކާއި 4 ކެމިކަލް ގުދަން އަނދާ ފައިވާއިރު، 80 އަށް ވުރެ ގިނަ އާއިލާ ވަނީ ހާލުގައި ޖެހިފައެވެ. އަދި އެ އާއިލާތަަކށް ވަގުތީ ބޯހިޔާ ވެހިކަމާއި އެންމއެންޑީއެފާއި، ފުލުހުންނާއި، ސިޓީ ކައުންސިލްގެ އިތުރުން ޑިޒާސްޓާމެނޭޖްމަންޓް އަދި އާންމުންގެ ފަރާތުން އެތައް އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފައެވެ.

ރޯވި އިމާރާތްތަކުގެ އަލިފާނގަނޑު ކޮންޓްރޯލް ކުރެވުނީ ހަތަރު ގަޑިއިރަށް ވުރެ ގިނަ ވަގުތުގެ ބުރަ މަސައްކަތުންނެވެ. މި ހާދިސާގައި ތ. ބުރުނީއަށް އުފަން 46 އަހަރުގެ އައިޝަތު ޝައުނާ ވަނީ ނިޔާވެފައެވެ. ޝައުނާ ނިޔާވީ އަލިފާނުގެ ހާދިސާ ހިނގި ގެއެއްގައި ތާށިވެ ނުނިކުމެ ވުމުގެ ސަބަބުންނެވެ.