މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފެން ވަދެފައިވާ ގެތަކުން ފެން ހިއްކުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ ފެން ވަދެފައިވާ ގެތަކުން ފެން ހިއްކާ، ގެތައް ސާފު ކުރުމުގެ މަސައްކަތުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވާ ކަމަށް ވާނަމަ ފުލުހުންނަށް އަންގާލަ ދިނުމަށް ފުލުހުން އެދިފައި ވެއެވެ. އަދި ފުލުހުން ހުރީ ދިވެހިންނަށް ދިމާވާ މިފަދަ ހާދިސާތަކުގައި އެހީތެރިވުމަށް ތައްޔާރަށް ކަމަށްވެސް ފުލުހުން ބުނެއެވެ.

އެގޮތުން މާލޭގެ މަގުތައް ފެންބޮޑުވުމުގެ ސަބަބުން މަގުތަކުގެ ފެން ހިންކުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިއު ޓީމުން ވެސް ދަނީ ކުރަމުންނެވެ.

މޫސުން ގޯސްވެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ 13 އަތޮޅަކަށް ޔެލޯ އެލާޓު ނެރެފައެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓު ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. އެއީ ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، އަދި ލ. އަތޮޅުތަކެވެ. އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރުން އެކަށީގެންވާ އިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މެޓު އޮފީހުގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފްއިން ވެސް ވަނީ ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން އެމްއެންޑީއެފުން ބުނެފައި ވަނީ ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރެއްވުމަށާއި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.