އިވުނީ ބާރު އަޑުފަށް ގަނޑެކެވެ. އޭރު އެއީ ކޮން އަޑެއް ކަމެއް ނޭނގެއެވެ. މާލެއަކީ ތޮއްޖެހިފައިވާ ތަނެއް ކަމުން އަބަދުވެސް އެޒާތުގެ އަޑުތަކަކީ އާންމު އަޑުތަކެކެވެ. ނަމަވެސް އަޑު ކަނޑައިގެން ނުދިއުމުން ގޭގައި ހުރި ކުޑަ ދޮރުން ބޭރު ބަލާލިއެވެ. ފެންނަން ފެށީ ބޯ ދުމެވެ. ގޭގެ އެކި ދިމާތަކުންނާއި މަގުމަތިން އަޑު އިވެމުން ދަނީ މީހުންގެ ހަޅޭކުގެ އަޑެވެ. މީހުންގެ ރުއިމުގެ އަޑެވެ. މިއީ ރޭ މި ފަހުގެ ތާރީހެއްގައި ފުރަ މާލޭގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ފެށުމެވެ.

ތޮއްޖެހިފައިވާ އެ ސަރަހައްދުން ދުން ނޫން އެއްޗެއް ފެންނާކަށް ނެތެވެ. އެމީހަކާ އެމީހެކެވެ. ސަލާމަތްވާނެ މަގުތައް ހޯދަން މީހުންތައް ކޮޅު ކޮޅަށް ދުވަނީއެވެ. ގޭގެއިން މީހުންތައް ފައިބަނީއެވެ. ގޭގެއިން ތިރިއަށް ފައިބާ ތިބި މީހުންގެ މޫނުމަތިން ފެންނަމުން ދަނީ ބިރުވެރިކަމާއި މާޔޫސް ކަމެވެ. ބައެއް މީހުންގެ ލޮލުން ކަރުނުތައް ފާއްދާލަމުން ދިޔައީ މުޅި އުމުރު ދުވަހު ކުރި މަސައްކަތް އަަޅިއަށް ވެގެން ދިއުމުންނެވެ.

ހ. އާބާދުގޭގައި އަލިފާން ރޯވެފައި، އެމްއެންޑިއެފުން އަދިވެސް ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން / ފޮޓޯ: ޓްވިޓާ

އަލިފާން ރޯވެފައިވާ ސަރަހައްދަށް "ދަޕްރެސް"ގެ ނޫސްވެރިން ދިޔައިރުވެސް އެ ސަރަހައްދުން އަލިފާންގަނޑު ކޮންޓްރޯލް ނުވެއެވެ. އާއްމުންނާއި ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އިތުރުން ރެޑް ކްރެސެންޓާއި ޑިސާސްޓާ މެނޭޖްމަންޓްގެ ޓީމުތަކުން ކެނޑިނޭޅި ހަރަކާތްތެރި ވަމުން ދިޔައީ ރޯވެފައިވާ ބޮޑު އަލިފާންގަނޑު ކޮންޓްރޯލް ކުރެވޭތޯއާއި އަލިފާނުގެ ދުމުގެ އަސަރު ކޮށްފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ. "ދަޕްރެސް"ގެ ޓީމުން، ހާދިސާ ދިމާވި މީހުން ނުވަތަ އާއިލާތަކާ ވާހަކަ ދައްކައިގެން ކަން ހިނގައި ދިޔަ ގޮތް ކިޔުންތެރިންނަށް އޮޅުން ފިލުވައިދެވޭތޯ މަސައްކަތް ކުރީމެވެ.

އެގޮތުން އޮފްރޯޑް ކައިރީގައި ހުރި ގެއެއްގެ މީހަކާ "ދަޕްރެސް"ގެ ޓީމުން ވާހަކަ ދައްކާލެވޭ ވަރުވީ ދުމުގެ އަސަރު ކޮށްފައިވާ އާއިލާތައް ކަލާފާނުގައި ހަމަޖެއްސި ވަގުތީ ހިޔާއަށް ދެވުމަށް ފަހުއެވެ. އެއީ ކުޑަކުޑަ އާއިލާއެކެވެ. ތުއްތު ތުއްތު ދެކުދިން ގޮވައިގެން މި ކުޑަ އާއިލާ މަގުމައްޗަށް ނިކުތީ ދުން ވަދެ ގޭތެރޭގައި ނޭވާލަން އުނދަގޫވާ ހިސާބަށް ދިއުމުންނެވެ. ގެއިން ނިކުތީ ޒަރޫރީ އެއްވެސް އެއްޗެއް ނުލައެވެ. އޭރު ސިފައިން ދިޔައީ ގެތަކުން މީހުން ނުކުތުމަށް ގޮވަމުންނެވެ.

އަލިފާން ރޯވި ހިސާބުގައި އާންމުން އެއްވެފައި / ފޮޓޯ: އައިޝަތު ޝާޒްލީން | ދަ ޕްރެސް

ދެ ކުދިން ކިހިލި ޖަހައިގެން އެ ދެމަފިރިން އެކުގައި ގެއިން ނުކުތް އިރު ކަމަކު ދާކަށްނެތެވެ. އެސަރަހައްދުގައި މީހުން ގިނަ ކަމުން މަގުމަތިން އަރިއަކަށް ގުޑިލާނެ ޖާގައެއް ނެތެވެ. ދެން އެ ސަރަހައްދު ގެތަކުން ނުކުތް އާއިލާތައް ކަލާފާނަށް ގެނައުމުން އެ އާއިލާވެސް ކަލާފާނު ސްކޫލުގައި ހުރި ވަގުތީ ހިޔާއަށް އައެވެ.

ކަން ހިނގާ ދިޔަ ގޮތް ކިޔައިދެމުން އާއިލާގެ އިސް މެންބަރަކަށް ހުރި ފިރިހެން މިހާ، އުމުރުން ގާތްގަނަޑަކށް 50ގެ އަހަރުތައް ގުނަމުންދާ މީހާ "ދަޕްރެސް ޓީމާ" ސުވާލެއް ކޮށްލިއެވެ. އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިއްޖެތޯއެވެ. އޭރު އެ އާއިލާ ތިބީ ކަލާފާނު ސްކޫލްގެ "ވަގުތީ ހިޔާ" ގައި ހާލުގައި ޖެހުނު އާއިލާތަކަށް ކެއުން ބުއިމަށް ކެންޓީން ގޮތަށް ހަމަޖައްސާފައިވާ ސަރަހައްދުގައެވެ.

ކަލާފާނު ސްކޫލުގައި ހުރި ވަގުތީ ހިޔާގެ ކެންޓީނު ސަރަހައްދު / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަޕްރެސް

އާއިލާގެ ހުރިހާ މެންބަރުން އެކުއެކީގައި ތިބި އިރު އެމީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ތުއްތު ކުއްޖާ އޭރުވެސް ރޮމުން ދިޔައީ ބޮޑާ ހާކަމުންނެވެ. ކޮއްކޮ ގެއަށް ދާން ބޭނުންވަނީ ކަމަށް ބުނެ އެ ކުއްޖާ ދިޔައީ މަންމަ ގާތު އާދޭސް ކުރަމުންނެވެ. އޭރު އެ މަންމަ ހުރީ ގެއަށް ވާނެ ގޮތެއް ނޭގިފައެވެ. އެގެއަށް އެ އާއިލާއަށް އެނބުރި ދެވޭނެ ކަމުގެ އުންމީދު ހުސްވެފައެވެ.

ގުދަނެއްގައި ރޯވި އަލިފާންގަނޑު ހިސާބުގަނޑުގައި ހުރި އެތައް ގެއަކަށް ފޯރުމުގެ ސަބަބުން މި ކުޑަ އާއިލާއިން ތިބީ އެމީހުން ދިރިއުޅޭ ގެއަށް އަލިފާނުގެ އަސަރު ކޮށްފާނެތީ ބިރުންނެވެ. ސަބަބަކަށް ވަނީ އެމީހުންގެ ގޭގައި އަލިފާން ރޯވެއްޖެނަމަ މިހާ ދުވަހު ދާ އޮހުރުވައިގެން ދިރިއުޅުމަށް ކުރި ހުރިހާ މަސައްކަތެއް ފެނަށް ހިނގައި ދާނެތީއެވެ. ލޯމަތިން ފެންނަމުން ދަނީވެސް އެފަދަ މަންޒަރުތަކެކެވެ. އެތައް ބައެއްގެ ދިރިއުޅުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަނދާ އަޅިއަށް ވެގެން ދިޔަ މަންޒަރެވެ. އަލިފާނުގެ އަސަރު ގެއަށް ނުކުރި ކަމުގައިވިއަސް މި ކުޑަ އާއިލާއިންވެސް ތިބީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. ނަފްސާނީ ގޮތުން ބިރުވެރިކަމެއްގެ ތެރޭގައެވެ.

މާލޭގެ ހެންވޭރުން 4 ގުދަނަކާއި 6 ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން

މިއީ ފަހުގެ ތާރީހެއްގައި މާލޭގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ އަބަދަށްފަހި މަގުގައި ހުރި ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެގެންނެވެ. އެއީ ކެމިކަލް ރައްކާ ކޮށްފައި ހުރި ގުދަނެކެވެ. މި ހާދިސާގައި އަލިފާންގަނޑު ފެތުރި އިތުރު ހަ ގެއަކަށް އަލިފާންގަނޑު ފެތުރުނެވެ. މިހާދިސާގައި އަސަރުކުރި 100 މީހުން ވަނީ މި ހާދިސާއާ ގުޅިގެން އެކުލަވާލާފައިވާ ވަގުތީ ހިޔާގައި ރަޖިސްޓްރީ ކޮށްފައެވެ.