ހުޅުމާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ސްޓޭޑިއަމް މަޝްރޫއޫގެ މަސައްކަތްތައް ފެށުމާއި ގުޅޭ އެއްބަސްވުމެއްގައި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއިއެކު ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގެ ވެރިރަށް ބެއިޖިންއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ޚަލީލެވެ. އަދި ސީއެމްއީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖާ އަދި ދިވެހިރާއްޖޭގެ ސީއެމްއީސީ އޮފީހުގެ ރެޕްރެޒެންޓޭޓިވް ލިއު ޝިއައޯޑާއެވެ.

މި އެއްބަސްވުމުގެ ދަށުން 4 މަސްދުވަހުގެ ތެރޭގައި މަޝްރޫއާ ގުޅޭ އެންމެހާ ދިރާސާތައްކޮށް، ސީއެމްއީސީ ލިޔެކިޔުންތައް ދިވެހި ސަރުކާރަށް ހުށަހަޅަންޖެހެއެވެ.

ހުޅުމާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ސްޓޭޑިއަމް މަޝްރޫއޫގެ މަސައްކަތްތައް ފެށުމާއި ގުޅޭ އެއްބަސްވުމެއްގައި ސީއެމްއީސީއާ އެކު ސޮއިކޮށްފި / ފޮޓޯ: ފޮރިން މިނިސްޓްރީ

ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި، ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާގެ އިތުރުން ސީއެމްއީސީ ކުންފުނީގެ އެގްޒެކެޓިވް ޑައިރެކްޓާ އަދި ޕްރެޒިޑެންޓް ހާން ސިއައޮޖިން އާއި އެކުންފުނީގެ އިސްވެރިންނެވެ.