މި ސަރުކާރުން މަޝްރޫއުތައް ހިންގަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މި މޭރުމުން ވާހަކަ ދެއްކެވީ، މ. އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން، މ. ނާލާފުއްޓަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވައެވެ. އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގައި އޮތީ ބޮޑު ކޮރަޕްޝަން ކަމަށާއި، މިހާރު މަޝްރޫއުތައް ހިނގާ ގޮތަށް ބެލިޔަސް ބޮޑެތި ކޮރަޕްޝަން ހިނގާފައި ހުންނާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުގައި ތިއްބެވި ބޭފުޅުން ނޫން އެހެން ހުރިހާ މީހުންނަކީ ވަގުން އަދި ކޮރަޕްޓް މީހުން ކަމަށް މި ސަރުކަރުން ދެކޭ ކަމަށެވެ. އަދި އެ ބޭފުޅުން ނޫން އެހެން ހުރިހާ އެންމެންނަކީ ދައުލަތުގެ ފައިސާގައި ޖެހިފައި ތިބި މީހުން ކަމަށް ވެސް މި ސަރުކާރުން ދެކޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިމޭރުމުން ވާހަކަ ދައްކަވާފައި ވާތީ، ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވަނީ ރައީސް ޔާމީން ފަދަ ލަދުހަޔާތް ކުޑަ ބޭފުޅަކު ފެނި ވަޑައިނުގަންވާ ކަމަށް ވިދާޅުވުވެ އެމަނިކުފަނަށް ފާޑު ކިއުން އަމާޒުކުރައްވާފައެވެ. ނިޔާޒަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އޮޑިޓާ ޖެނެރަލަކަށް ހުންނަވައި އޭރު ހިނގަމުންދިޔަ ކޮރަޕްޝަންތައް ފަޅާއަރުވާލެެއްވި ބޭފުޅުންގެ ތެރެއިން އެއްބޭފުޅެކެވެ.

ސަޕޯޓަރުންނާއި މުހާތަބުކުރައްވައި ރައީސް ޔާމީން އިތުރަށް ވިދާޅުވީ މި ސަރުކާރަށް 23 ބިލިއަން ރުފިޔާގެ ބަޖެޓެއް އަދި އޭގެ ފަހުން އިތުރު 1.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްދީފައި ވާއިރު، މިދިޔަ އަށް މަސް ފާއިތުވެގެން ދިޔައިރު ހުރިހާ ބާރެއް ލިބި އޮވެ، އެއްވެސް ކަމެއް ނުކުރެވުުމަކީ މި ސަރުކާރުގެ ގާބިލް ކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި މި ސަރުކާރަކީ އެމްޑީޕީގެ މީހުންނަށް މުސާރަ ދޭ ސަރުކާރެއް ކަމަށާއި، މިއީ ރައްޔިތުންނަށް ތަރައްގީގެ މަޝްރޫއު ހިންގައިދޭ ސަރުކާރެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް ޔާމީން އަދި ވިދާޅުވީ މި ސަރުކާރު ޒިންމާދާރު ކުރުމުގައި ޕީޕީއެމް ދެމި އޮންނާނެ ކަމަށެވެ. އަދި އެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އެމަނިކުފާނު ގެންދަވަނީ ރާއްޖޭގެ ބައެއް ރަށްތަކަށް ޒިޔާރަތް ކުރައްވަމުންނެވެ.