ސައުދީ އަރަބިއްޔާގެ ތެޔޮ ކާރުހާނާތަކަށް އަމާޒުކޮށް މިދިޔަ ހަފުތާ ބަންދުގައި ދިން ހަމަލާތަކުގެ ފަހަތުގައި އޮތީ އީރާނު ކަމަށް ބުނެ، ވަރުގަދަ ހަނގުރާމައެއްގެ ތެރެއަށް އެމެރިކާއާއި ސައުދީ އަރަބިއްޔާއިން އީރާނު ވައްޓާލަމުންދާ ދިއުމާ ދެކޮޅަށް އީރާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ސައުދީ އަރަބިއްޔާއިން ތެޔޮ އުފައްދާ ކާރުހާނާތަކުގެ ތެރެއިން އެންމެ ބޮޑު ކާރުހާނާވެސް ހިމެނޭ ގޮތަށް 2 ކާރުހާނާއަކަށް ދިން ޑްރޯން ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ ތެލުގެ ސަޕްލައިއަށް ލޮޅުން އަރާފައިވާއިރު، އެކަމަކުގެ ރައްދު ހަމަލާ ދޭނެ ގޮތެއް ސައުދީ އަރަބިއްޔާއާއިއެކު މަޝްވަރާ ކުރަމުންދާކަން އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވަނީ ހާމަކުރައްވާފައެވެ.

ކަންމިހެން އޮތްއިރު އީރާނާ ދެކޮޅަށް ހަނގުރާމަ ނުފެށި އޮތީ ހަމަ ކިރިޔާކަން ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅުދައްކަވަމުން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އަމުރުކުރައްވާފައެވެ.

ހަނގުރާމައެއްގެ ތެރެއަށް އީރާނު ވައްޓާލަން ދާކަމުގެ ރާގެއްގައި ސީއެންއެންއާއި ވާހަކަފުޅު ދައްކަވަމުން ޒަރީފު ވަނީ، ސައުދީ އާއި އެމެރިކާގެ ހަމަލާއިން އީރާނު ދިފާއުކުރުމަށްޓަކައި އެގައުމު ލޮލުފިޔަވެސް ޖަހާނުލާނެކަމަށް ވިދާޅުވެފައެވެ.

ސައުދީގެ ތެޔޮ ކާރުހާނާތަކަށް ދިން ހަމަލާގެ ޒިންމާ، ޔަމަނުގެ މައި ސަރުކަރާ ދެކޮޅަށް ހަރަކާތްތެރިވާ ހޫތީ ޖަމާއަތުން އުފުލާފައިވާއިރު، އެމެރިކާއިން ތަކުރާރުކޮށް ބުނަމުންދަނީ މި ހަމަލާގެ ފަހަތުގައި އޮތީ އީރާނު ކަމަށެވެ. ކަންމިހެން އޮތްއިރު، އެމެރިކާއިން މިހާރު ދަނީ ހަތިޔާރެއްގެ ގޮތުގައި "ތެޔޮ" ބޭނުންކުރަމުން ކަމަށް އީރާނުގެ ތެލާ ބެހޭ ވަޒީރުވެސް ވަނީ ސިފަކުރައްވާފައެވެ.